overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

ޖޭޕީން ހިޔަނި ކެބިނެޓު އިއުލާން ކުރުމުން ބުނެދެނީ ކޮން ވާހަކަތަކެއް؟

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބަލި ކުރާނެ ކަމަށާއި އެކަން ކުރާނީ ގުޅިފައިވާ އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓެއް ނެރެގެން ކަމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ބުނަމުންނެވެ. އަދި އިދިކޮޅުން ނިކުންނާނީ އެއް ކެންޑިޑޭޓެއް ކަމާއި އެ ކެންޑިޑޭޓް ކަނޑައެޅުމުގެ މަޝްވަރާތައް ކުރިޔަށްދާކަމަށް އިދިކޮޅު ކޯލިޝަނުން އަބަދުވެސް އަންނަނީ ބުނަމުންނެވެ.

އެހެންނަމަވެސް މި މަޝްވަރާތަކުން ނިކުތް ނަތީޖާއެއް މިއަދާ ހަމައަށްވެސް ފެންނާކަށް ނެތެވެ. ވަގުތު ޖެހުމުން އެކެންޑިޑޭޓެއް ފެންނާނެ ކަމާއި އެ ކެންޑިޑޭޓަށް ރައްޔިތުން ވޯޓު އަޅަން ތައްޔާރަށް ތިބުމަށް އެކި ފަހަރު މަތިން އެކި ޕޯޑިޔަމްތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ. އަދި މިހާރުވެސް ކޯލިޝަންގެ ލީޑަރުން އެވާހަކަތައް ތަކުރާރުކުރައްވަމުން ގެންދަވަ އެވެ.

އެއް ކެންޑިޑޭޓަކު ނެރުމުގެ ވާހަކަތައް ދެކެވެމުންދަނިކޮށް ފެނުނީ އިދިކޮޅު ކޯލިޝަންގައި ހިމެނޭ ބޮޑު ޕާޓީ އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް އެތެރޭގެ ރިޔާސީ ޕްރައިމަރީއެއް ބޭއްވިތަނެވެ. އެ ޕްރައިމަރީގައި ކުރީގެ ރައީސް ނަޝީދު އެކަނި ވާދަކުރައްވާ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރައްވާނެ ކެންޑިޑޭޓަކީ ނަޝީދު ކަމަށް ހަމަޖައްސާ "ޖަޒީރާ ރައީސް" ގެ ނަމުގައި ކެމްޕޭންވެސް ވަނީ ފަށާފައެވެ.

އެމްޑީޕީން ކެމްޕެއިންގެ ހަރަކާތްތައް ފެށުމާއެކު އިދިކޮޅު ކޯލިޝަންގައި ދެން ހިމެނޭ އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީންވެސް ވަނީ އެ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހީމަކީ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ކަމަށް ހެދުމުގެ ޝައުގު ވެރިކަން ފާޅުކޮށްފަ އެވެ.

މިއާއެކު ދެން ފެނިގެންދާން ފެށީ ޤާސިމް އިބްރާހީމް އާއި މުހައްމަދު ނަޝީދާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުން ދިޔަތަނެވެ. ބަހުގެ މި ހަމަލާތަކުގައި ވެސް ދެ ބޭފުޅުން ވިދާޅުވަމުން ގެންދަވާ އެއްވާހަކައެއް އޮވެއެވެ. އިދިކޮޅު ކޯލިޝަނުން އެއްކެންޑިޑޭޓަކު ނެރުމަށް ކުރާ މަސައްކަތަށް ހުރަހަކަށް ނުވާނެ ކަމެވެ. އިދިކޮޅު ކޯލިޝަނުން ނެރޭ އެއް ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނެ ވާހަކަ އެވެ.

ދެބޭފުޅުންގެ ވާހަކަތައް މިފަދަ ގޮތަކަށް ހުރި ނަމަވެސް އެއްވެސް ޕާޓީއަކުން އަނެއް ޕާޓީއަށް ދޫތަނެއް ނުފެނެއެވެ. ފެންނަމުންދަނީ އިދިކޮޅު ކޯލިޝަންގައި އުފެދިފައި އޮތް ޚިޔާލު ތަފާތުވުންތައް ހައްލު ނުކުރެވި އެކަން ބޮޑުވެގެންދާތަނެވެ. އިދިކޮޅު ކޯލިޝަނުން ބުނަމުން އެގެންދާ އެއް ކެންޑިޑޭޓެއް ނެރުމުގެ ފޯމިޔުލާ މަސައްކަތްކުރާތަނެއް އަދި ނުފެނެ އެވެ.

އިދިކޮޅު ކޯލިޝަންގައި އޮތް ޚިޔާލު ތަފާތުވުންތައް އެންމެ ބޮޑަށް ފެނިގެންދިޔައީ ޖޭޕީން އިދިކޮޅު ކޯލިޝަންގެ ހިޔަނި ކެބިނެޓް އެމްޑީޕީ ނުލާ އިއުލާން ކުރުމާއެކު އެވެ.

ޖަރުމަނު ވިލާތުގައި ހުންނަވާ ގާސިމް އިބްރާހީމް ފޭސްބުކް ލައިވެއް މެދުވެރިކޮށް ޖުމްހޫރީ ކޯލިޝަންގެ ހިޔަނި ކެބިނެޓް އިއުލާން ކުރެއްވުމާއެކު ހިޔަނި ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ބޭފުޅުން އެކަމާ އިންކާރު ކުރެއްވިއެވެ.

ހިޔަނި ކެބިނެޓްގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ ގުޅިފައިވާ ޕާޓީތަކުން އެކުގައި ކުރާ މަސައްކަތް ފިޔަވާ 2018 ގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އަދާލަތު ޕާޓީން އެއްވެސް ބަޔަކާއެކު ކޯލިޝަން ނަހަދާކަމަށް ބުނެ ޓްވީޓްކޮށްފަ އެވެ.

ޤާސިމް އިއުލާން ކުރެއްވި ހިޔަނި ކެބިނެޓްގައި ދެން ހިމެނޭ ރައީސް މަޢުމޫންގެ ފަޅިން ވާހަކަ ދައްކަވަމުން އާމިނަތު ނާދިރާ ކުރެއްވި ޓްވީޓްގައި ބުނެފައިވާ ގޮތުގައި ރައީސް މައުމޫންގެ ފަރާތްޕުޅުން އަދިވެސް މަސައްކަތްކުރަމުން ގެންދަނީ ގުޅިފައިވާ ހަތަރު ޕާޓީން އެކުގަ އެވެ. ޖޭޕީން އިއުލާންކުރި ހިޔަނި ކެބިނެޓަކީ އެބޭފުޅުންނާ މަޝްވަރާ ކުރެވިގެން ކޮށްފައިވާ ކަމެއް ނޫނެވެ.

ޤާސިމް އިއުލާން ކުރެއްވި ހިޔަނި ކެބިނެޓްގައި ހިމެނޭ ކޯލިޝަންގެ ޕާޓީތަކުން އެ ޕާޓީތަކާ މަޝްވަރާނުކޮށް ކުރި ކަމެއްކަމަށް ބުނުމުން އިދިކޮޅު ކޯލިޝަންގެ މެދުގައި އޮތް ގުޅުމާމެދު ސުވާލުއުފެދެ އެވެ. ހިޔަނި ކެބިނެޓެއް ރައްޔިތުންނާ ހަމައަށް އާއިރު ކެބިނެޓްގައި ހިމެނޭ ފަރާތްތަކަށް އެކަން ނޭނގި އޮތުމަކީ ޙަޤީޤަތުގައިވެސް އެ ކޯލިޝަންގައި މަޝްވަރާތަކެއް ކުރެވޭތޯ ވެސް ސުވާލު އުފެއްދުމުގެ ޖާގަ އޮތް ކަމެކެވެ. ޖޭޕީން ހަމަތިބެފައި އެމްޑީޕީއާ ވާދައަށް ހިޔަނި ކެބިނެޓެއް އިއުލާންކޮށްލީ ކަމަށް ބެލުމުގެ ފުރުސަތުވެސް މިއިން ލިބި ދެއެވެ.

އަނެއްކޮޅުން ބަލާއިރު ހިޔަނި ކެބިނެޓް އިއުލާން ކުރައްވަމުން ޤާސިމް ވިދާޅުވި ގޮތުގައި ޖުމްހޫރީ ކޯލިޝަންގެ ހިޔަނި ކެބިނެޓް އެމަނިކުފާނު އިއުލާން ކުރެއްވީ އެ ޕާޓީއާ އެކު ކުރިއަށް ދާނެ ބޭފުޅުން ކަމަށް ލަފާކުރެވޭ ބޭފުޅުންގެ ނަންތަކާ އެކުގަ އެވެ.

ހިޔަނި ކެބިނެޓެއް އިއުލާން ކުރައްވަން ޖެހިވަޑައިގަތީ އިންތިހާބު ކައިރިވާ އިރުވެސް ގުޅިފައިވާ ޕާޓީތަކަށް އަދިވެސް އެއް ކެންޑިޑޭޓެއް ދެއްކިފައި ނުވާތީ އެވެ. އެ ވާހަކަފުޅުތައް ދެއްކެވީ ގުޅިފައިވާ ޕާޓީތަކަށް އެއް ކެންޑިޑޭޓެއް ދެއްކޭ ނަމަ އިންތިހާބަށް ނުކުންނަވާނީ އެ ކެންޑިޑޭޓަކަށް ތާއީދު ކޮށްގެން ކަމުގެ ޔަގީންކަން ވެސް ދެއްވަވަމުންނެވެ.

ޤާސިމްގެ މިވާހަކަތަކުން އެނގެނީ އިދިކޮޅު ކޯލިޝަނަށް އެއް ކެންޑިޑޭޓަކު ނެރުމަކީ ވުން އެހާ ކައިރިކަމެއް ނޫން ކަމެވެ.
އެއާއެކު މިހާރުވެސް ފެންނަމުން މިދަނީ އިދިކޮޅު ކޯލިޝަނަށް އެއް ކެންޑިޑޭޓަކު ނުނެރެވި ވަކިވަކި ޕާޓީތަކުން ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރަމުންދާތެނެވެ.

އެއް ކެންޑިޑޭޓަކު ނެރެވިއްޖެނަމަ އެކެންޑިޑޭޓަކަށް ތާޢީދުކުރާނެކަމުގެ ޔަޤީންކަން ކޮންމެ ބޭފުޅަކުވެސް ދެއްވަނީ އެއް ކެންޑިޑޭޓަކު ނެރެވޭނެކަމުގެ އުންމީދު ރައްޔިތުންނަށް ދިނުމަށް ކަމަށް ވެދާނެ އެވެ. ނަމަވެސް މިފަދަ ކޮންމެ ކަމަކާއެކު އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ މެދުގައި އޮތް ހިތްހަމަނެޖުހުންތަކާއި ދެކޮޅުވެރިކަން ސޯޝަލް މީޑިޔާގެ ތެރެއިން ފެންނަމުން ދެއެވެ. ޖޭޕީ އާއި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ސޯޝަލް މީޑިޔާގައި ރައްދު ކުރަމުންދާތަން ފެންނަމުން ދެއެވެ.

މިހުރިހާ ކަމަކާއެކު ހަނދާނަށް އަންނާނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ވާހަކައެވެ. ޕީޕީއެމް އިން "ހެސްކިޔާފަ" ނަމުގައި މާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ އިދިކޮޅުގެ ފަހުތަޅާލުން ގަނޑު އޮންނާނީ އެބޭފުޅުން ތިއްބެވި ކަރަކަރާގައިކަމުގަ އެވެ. ފެންނަމުން މިދަނީ ރައީސް ޔާމީން އެ އިޝާރާތްކުރެއްވި ބޭރުގެ ކަރަކަރާގައި ކުރިޔަށްދާ ފަހުތަޅާލުން ގަނޑު ކަމަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް މިފަހު ތަޅާލުން ގަނޑު ނިމިގެންދާނީ ކޮންގޮތަކަށްކަމަށް އަދި ނޭނގެއެވެ. އެނގޭކަމަކީ އިދިކޮޅު ކޯލިޝަންގެ ތެރޭގައި އޮތް ޚިޔާލު ތަފާތުވުންތައް ފާޅުވާ ކޮންމެ ފަހަރެއްގައި ކޯލިޝަންގެ އިސްބޭފުޅުން އެއް ކެންޑިޑޭޓެއް ނެރޭނެކަމުގެ އުންމީދީ ވާހަކަތައް ދައްކަވާކަމެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެއް ބުރުން ރައީސް ޔާމީން ބަލިކުރާނެ ވާހަކަތަކެއް ތަކުރާރުކުރަން ފައްޓަވާ ކަމެވެ. ނަމަވެސް މަންޒަރުތައް ބުނެދެނީ މުޅިން ޚިލާފު ވާހަކަތަކެވެ.

އިދިކޮޅު ކޯލިޝަންގެ އިސްވެރިންނަށް ޖަލު ހުކުމްތައް އައިސްފައިވާއިރު އެބޭފުޅުން ތިއްބެވީ އިންތިޚާބަށް ކުރިމަތިލެވޭނެ ޝަރުތުހަމަވާ ހާލަތެއްގައެއް ނޫނެވެ. އެބޭފުޅުންނަށް އިންތިޚާބުގައި ވާދަކުރެއްވޭނެ ދޮރެއް ހުޅެވޭނެތަނެއް އަދި ފެންނާކަށް ވެސް ނެތެވެ. އެހެންކަމުން އިންތިޚާބުގައި ވާދަކުރެވޭނެ ޝަރުތުހަމަވާ ކެންޑިޑޭޓަކު އިދިކޮޅު ކޯލިޝަނަށް ނެރުން މިވަނީ ނުވާނެ ކަމެއްކަމަށް ޤަބޫލުކުރެވެން ފަށާފައެވެ.

އައިދިކޮޅު ކޯލިޝަނަށް އެއް ކެންޑިޑޭޓަކު ނުނެރެވިއްޖެނަމަ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކުރެއްވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. އެގޮތް ވާކަށް އިދިކޮޅު ކޯލިޝަންގެ އެއްވެސް ބޭފުޅަކު ބޭނުމެއް ނުވާނެއެވެ. އެހެންނަމަވެސް އިދިކޮޅަށް އެއް ކެންޑިޑޭޓަކު ނެރެވޭތަނެއްވެސް ފެންނާކަށް ނެތެވެ. ފެންނަމުންދަނީ އިދިކޮޅު ކޯލިޝަންގެ ޕާޓީތައް ވަކިވަކިން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިކުންނަ މަންޒަރެވެ. ޖުމްހޫރީ ކޯލިޝަންގެ ހިޔަނި ކެބިނެޓް އިއުލާންކުރުމަކީ މިކަމަށް ބާރުދޭ އެއް ކަމެވެ.