އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމެޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިރޭ 10:30 ހަމަވާނެއެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައިވަނީ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. އަދި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 10 ދުވަހުގެ ފުރުސަތެއް ވަނީ ހުޅުވާލާފަ އެވެ.
އެ ލިސްޓްގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ގޮތު ހިމަނާފައިވަނީ 26،3183 މީހުންނެވެ. ނަމަވެސް މި ނަން ތަކުގެ ތެރޭގައި މަރުވެފައިވާ މީހުންގެ ނަންތައް ވެސް ހިމެނިފައިވުން އެކަށީގެންވާ ކަމަށް އީސީން ވަނީ ބުނެފަ އެވެ. އެއީ އެ ލިސްޓަކީ ޑީއެންއާރުގެ ލިސްޓަށް ވާތީ އެވެ. ވޯޓާސް ލިސްޓު ފުރިހަމަ ކުރުމަށް އާންމުންގެ އެއްބާރުލުމަށް އީސީން ވަނީ އެދިފަ އެވެ. ވޯޓާސް ރަޖިސްޓްރީ ޗެކް ކުުރުމާއި ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން އީސީންވަނީ ރޯޑު އިވެންޓްތަކެއް ވެސް ކުރިޔަށް ގެންގޮސްފަ އެވެ.
ޝަކުވާ ހުށަހަޅަންޖެހޭނީ އީސީން ދޫކުރާ ޝަކުވާ ފޯމަކުންނެވެ. މި ފޯމް އީސީގެ ވެބްސައިޓުން ވެސް ލިބޭނެ އެވެ. އަދި ރަށެއްގައި ނަމަ ރަށު ކައުންސިލްތަކުން ވެސް ފޯމްތަށް ދޫކުރުމާއި ބަލައިގަތުމުގެ ހިދުމަތް ދޭނެ އެވެ. މާލޭގައި ނަމަ ފޯމްތައް ބަލައިގަންނާނީ އީސީގެ އިންތިހާބީ މަރުކަޒް ހުންނަ ކުރީގެ ބާ ޖަމާލުއްދީން އިމާރާތަށެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އިދިކޮޅު އެމްޑީޕީން ވަނީ ވޯޓާސް ލިސްޓާމެދު އެޕާޓީގެ ކަންބޮޑުވުން އީސީގެ މެމްބަރުންނާ ބައްދަލުކޮށް ހިއްސާކޮށްފަ އެވެ.
ވޯޓާސް ލިސްޓްގައި ނަން ހިމެނޭތޯ ބެލުމަށް އެސްއެމްއެސް ކުރަން ޖެހެނީ، "ވީއާރު (ސްޕޭސް) އައިޑީކާޑް ނަމްބަރު ޖެހުމަށް ފަހު 1414 އަށެވެ.