ހަބަރު

ޖޭޕީގެ ލީޑަރު ކަމަށް ބޭފުޅެއް ނެތް، ނައިބަށް ފަސް ބޭފުޅަކު

ޖުމްހޫރީ ޕާޓީ، ޖޭޕީގެ ލީޑަރު ކަމަށް ކުރިމަތިލާން ހުޅުވާލުމުން އެ މަގާމަށް އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައިނުވާކަން އެ ޕާޓީން ހާމަކޮށްފި އެވެ.

މި ހަފުތާ ބަންދުގައި ޕެރަޑައިސް ރިސޯޓްގައި އޮންނަ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އިންތިހާބުކުރާ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. ހުޅުވާލި ފުރުސަތުތަކުގެ ތެރެއިން އެންމެ މުހިންމު މަގާމުތަކަކީ ޕާޓީގެ ލީޑަރު ކަމާއި ނައިބު ލީޑަރު ކަމާއި ރައީސް ކަމާއި ނައިބު ރައީސް ކަމެވެ.

މުއްދަތު ހަމަވިއިރު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ދާދިފަހުން އެ ޕާޓީއާ ގުޅިވަޑައިގަތް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އެކަންޏެވެ. ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ކެލޭ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ މައުސޫމް އެކަންޏެވެ. މި ދެ މަގާމަކީ އަލަށް އުފެއްދި ދެ މަގާމެވެ.

ޕެރޯލް ގާނޫނު އޮތް ގޮތުން ޕާޓީގެ ލީޑަރުކަން، މިހާރު އެ މަގާމުގައި ހުންނެވި ގާސިމް އިބްރާހިމަށް އަދާކުރެވެން ނެތުމުން އެމަނިކުފާނު ވަނީ އެ މަގާމު ދޫކޮށްލެއްވުމަށް ނިންމަވާފަ އެވެ. އެ މަގާމަށް ވެސް ކުރިމަތިލާން ހުޅުވި ނަމަވެސް އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސެކްރެޓްރީ ޖެނަރަލް އަހުމަދު ސަމީރު ވިދާޅުވީ، ލީޑަރުގެ މަގާމަށް އެއްވެސް މެންބަރަކު ކުރިމަތިލާފައިނުވަނީ އެ މެންބަރުންގެ ހިތްތަކުގައި ގާސިމަށް ދީފައިވާ ލޯތްބާއި އިއްޒަތް އެހެން މީހަކަށް ދޭން ބޭނުން ނުވާތީ ކަމަށެވެ.

ސަމީރު ވިދާޅުވި ގޮތުގައި ޕާޓީގެ ލީޑަރުގެ މަގާމާ ގުޅޭ ކަންކަމާއި މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ކޮންގްރެސްގައި ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގައި ހަތަރު ޑެޕިއުޓީ ލީޑަރުން ތިއްބަވާނެ އެވެ. އެ މަގާމަށް ފަސް ބޭފުޅުން ކުރިމަތިލައްވާފައިވާއިރު އޭގެ ތެރޭގައި މިހާރު ވެސް އެ މަގާމު އަދާކުރައްވާ ތިން ބޭފުޅުން ހިމެނެ އެވެ. އެއީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން އާއި ޑރ. ހުސެއިން ރަޝީދު ހަސަނެވެ. މިހާރު ތިއްބެވި ޑެޕިއުޓީ ލީޑަރުންގެ ތެރެއިން ކުރިމަތިނުލައްވާ ވަނީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. އޭނާ ހުންނެވީ ހުކުމެއް ތަންފީޒުކުރައްވަން ޖަލުގަ އެވެ.

އޭގެ އިތުރުން އެ މަގާމަށް ދެން ކުރިމަތިލައްވާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި އަބްދުﷲ އަމީން އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒެވެ.