ހަބަރު

"އަމިއްލަ ގައިގާ ޖެހުނީ އޭރު ބީރު ކަންފަތެއް ދިނީމަ"

ޝަރުއީ ދާއިރާގެ ކަންކަން އިސްލާހުކޮށްދިނުމަށް އެކި ފަހަރު މަތިން އެދިވަޑައިގެންފައިވާނެ ކަމަށާއި ނަމަވެސް އެކަމަށް އޭރުގެ ޝަރުއީ ދާއިރާގެ އެންމެ އިސް ދެ ބޭފުޅުން ކަމަށްވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ދެއްވީ ބީރު ކަންފަތެއް ކަމަށް މަޝްހޫރު ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ދަށު ކޯޓުތަކުގެ ގާޒީންނަށް ނުފޫޒު ފޯރުވި މައްސަލާގައި ދަށު ކޯޓުން ދެ ފަނޑިޔާރުންގެ މައްޗަށް އިއްވާފައިވާ ހުކުމް ރަނގަޅު ކަމަށް އިއްޔެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ. އޭގެ ސަބަބުން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މަގާމު ވަނީ ގެއްލިފަ އެވެ.

އެކަމަށް އިޝާރަތް ކުރައްވާ ހުސްނުއް ސުއޫދު ވިދާޅުވީ، ހައްގު ހޯދަން ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް އަޑު ނާހާ، އެއްވެސް ސަބަބެއް ދެއްކުމެއް ނެތި ބަލައިނުގަނެ ރަޖިސްޓްރާދޭ އެއް ޖުމްލައިގެ ޖަވާބަކުން މައްސަލަ ބޭރުކުރަމުން ދިޔުން ހުއްޓުމަށް ސުޕްރީމް ކޯޓަށް އެތައް ފަހަރަކު އިލްތިމާސް ކުރެއްވި ކަމަށެވެ.

"އެކަމަށް ދިނީ ބީރު ކަންފަތެއް، މިއަދު އެ ޖުހުނީ އަމިއްލަ ގައިގަ،" ސުއޫދު ވިދާޅުވި އެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދު އިސްކޮށް ތިއްބަވައިގެން އެ ދެ ބޭފުޅުންގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމި ގޮތަށް ބޮޑެތި ގިނަ މައްސަލަތަކެއް ނިންމަވާފައިވެ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ފަރާތުން ގިނަ އިސްތިއުނާފީ ނުކުތާތަކެއް ފާހަގަކޮށްފައިވީ ނަމަވެސް އެއިން އެއްވެސް ކަމަކަށް ރިއާޔަތްނުކޮށް، އެއްވެސް އަޑުއެހުމެއް ނުބާއްވައި ރަޖިސްޓްރާގެ ނިންމުމަކުން އެ މައްސަލަތައް ކޯޓުން ބޭރުކޮށްލި އެވެ.

އެކަމުގެ ކަންބޮޑުވުންތައް އޭރު ވަކީލުން ވަރަށް ބޮޑަށް ފާހަގަކުރަމުން ދިޔަ އެވެ. ވަކީލުންގެ ފުރުސަތު ނުލިބޭ ކަމާއި ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ނުލިބޭކަން ވެސް ދިޔައީ ފާހަގަކުރައްވަމުންނެވެ. ނަމަވެސް ހަލުވި ސްޕީޑްގައި ކުރިއަށް ގެންގޮސް ނިންމާފައިވާ އެ ބޭފުޅުންގެ މައްސަލަތައް ސުޕްރީމް ކޯޓުން ބަލައެއް ނުގަތެވެ.

އިއްޔެ ސުޕްރީމް ކޯޓުން ބޭރުކޮށްލި އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްސަލާގައި ވެސް އެ ދެ ބޭފުޅުންގެ ފަރާތުން ގިނަ އިސްތިއުނާފީ ނުކުތާތަކެއް ފާހަގަކޮށްފައިވެ އެވެ. އެކަންކަމަށް ރިއާޔަތް ނުކޮށް މައްސަލަ ނިންމާފައިވާތީ އެ ދެ ބޭފުޅުންގެ ވަކީލުން ކަންބޮޑުވުން ފާޅުކުރި އެވެ. އަދި މައްސަލަ އަލުން ރިވިއު ކުރަން ހުށަހަޅަން ނިންމި އެވެ.

އެގޮތަށް ކުރީގެ ރައީސް ނަޝީދާއި ނާޒިމްގެ މައްސަލަ ކުރިން ރިވިއުކުރަން ހުށަހެޅި އެވެ. ނަމަވެސް އަބްދުﷲ ސައީދާއި އަލީ ހަމީދު އިސްކޮށް ތިއްބަވާ ރިވިއު ކުރަން ހުށަހެޅި މައްސަލަތައް ވެސް ބޭރުކޮށްލެއްވި އެވެ.