ހަބަރު

ފެނަކައިން ހުޅުމާލޭގައި ޓަވަރު އަޅާދޭނެ ބަޔަކު ހޯދަނީ

Jun 21, 2018
3

ދެވަނަ ފިޔަވަހީގައި ހުޅުމާލެއަށް އިތުރު ކުރި ބިމުގެ ސަރަހައްދުގައި 15 ބުރީގެ ޓަވަރެއް އަޅަން ޝައުގުވެރިވާ ބަޔަކު ހޯދަން ފެނަކައިން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

ފެނަކައިން މިއަދު ކުރި އިއުލާނެއްގައި ވަނީ "ފެނަކަ ހިޔާ" މަޝްރޫއުގެ ދަށުން އެ ކުންފުނީގެ ރެޒިޑެންޝިއަލް ޓަވަރެއް އަޅަން ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 25 އާ ހަމައަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. އެ މަޝްރޫއަށް ޕްރޮޕޯސަލް ހުށަހަޅަން އަންގާފައިވަނީ މެއިލް މެދުވެރިކޮށެވެ.

ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ކަމަށްވާ ހިޔާ މަޝްރޫއު ކުރިޔަށް ގެންދަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށެވެ. އެގޮތުން ބޭރުގެ ދެ ކުންފުނި ހިމެނޭ ގޮތަށް 22 ކުންފުންޏެއް އެ މަޝްރޫއުގައި ބައިވެރިވެގެން 62 ޓަވަރު އަޅާނެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން ވަނީ ޓަވަރު އަޅަން އިއުލާން ކޮށްފައެވެ. އެގޮތުން އަމަލީ މަސައްކަތް ފަށާފައިވާ ކުންފުނި ތަކަކީ މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ އެސްޓީއޯއާ ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯއިންނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިންނެވެ.

ހިޔާ މަޝްރޫއަކީ އެއްލައްކަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުުގެ ގޮތުން ސަރުކާރުން ފައްޓާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ސަރުކާރު ކުންފުނިތަކާއި ބޭރުގެ ބައެއް ކުންފުނިތައް ހިމެނޭ ގޮތަށް 36 ޓަވަރު އަޅަ އެވެ. ހިޔާ މަޝްރޫއު ކުރިޔަށް ގެންދަނީ ސަރުކާރު ކުންފުނިތައް މެދުވެރިކޮށެވެ.