ހަބަރު

ރާއްޖޭގެ ސަރަހައްދުން ބޭރުގެ ޑިންގީއެއް ފެނިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން، ހާލުގައި ޖެހިފައި އޮތް ބޭރުގެ ޑިންގީއެއް ފެނިގެން ކޯސްޑް ގާޑުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ދިވެހި ސިފައިން ބުނީ، އއ އަތޮޅުގެ ހުޅަނގުން 60 މޭލު ބޭރުން ފެނިފައި ވަނީ ދެ މީހުންނާ އެކު ހާލުގައި ޖެހިފައިވާ ޑިންގީއެއް ކަމަށެވެ. އަދި އެ ޑިންގީ ފެނިފައި ވަނީ، އއ. ރަސްދޫ މަސްދޯންޏެއް ކަމަށްވާ، ރަންދުވެލިއަށް ކަމަށެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އިބްރާހިމް އާޒިމް "އަވަސް" އަށް ވިދާޅުވީ، މިވަގުތަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު އެއީ ބޭރުގެ ޑިންގީއެއް ކަމަށެވެ. އަދި އެ މައުލޫމާތު އިތުރަށް ސާފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. .

އެމްއެންޑީއެފް އިން ބުނީ، އެ ޑިންގީ ފެނިގެން ރިޕޯޓްކުރީ، މިއަދު މެންދުރު 2:04 ގައި ކަމަށެވެ. އަދި އެވަގުތުން ފެށިގެން، އެމްއެންޑިއެފްގެ އުޅަދެއް އެ ސަރަހައްދަށް ދަތުރު ކުރަމުން އަންނަ ކަމަށް ވެސް ސިފައިން ބުންޏެވެ.