ހަބަރު

400 މަންދޫބުންނާއެކު ޖޭޕީގެ ތިންވަނަ ކޮންގްރެސް ފަށައިފި

ޕެރަޑައިސް އައިލެންޑް ރިސޯޓް: ނާޒިމް ހަސަން
Jun 22, 2018
1

ޖުމްހޫރީ ޕާޓީގެ ތިންވަނަ ކޮންގްރެސް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މިއަދު މެންދުރުފަހު ފަށައިފި އެވެ. މި ކޮންގްރެސްއަކީ ރިޔާސީ އިންތިހާބުގެ ކުރިން މުހިންމު ނިންމުންތަކެއް ނިންމަން ބާއްވާ ކޮންގްރެސްއެކެވެ.

ކޮންގްރެސްމަނުންގެ ގޮތުގައި 400 އެއްހާ މެންބަރުން ބައިވެރިވާއިރު، އިދިކޮޅު ޕާލިމެންޓްރީ ގުރޫޕްގެ އިސް ދެ ބޭފުޅުން ކަމަށްވާ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވަޑައިގަންނަވަ އެވެ. މީގެއިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއިދު ކުރައްވާ ބޭފުޅުން ވެސް ބައިވެރިވަޑައިގަންނަވަ އެވެ.

މި ކޮންގްރެސްގައި ޕާޓީގެ މުހިންމު މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޕާޓީގެ ރައީސް އަދި ނައިބު ރައީސް ހޮވުމަށް ވަނީ ނިންމާފަ އެވެ. އެއީ އަލަށް އައްޔަންކުރާ ދެ މަގާމެވެ. ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ އަލީ ވަހީދު އެކަންޏެވެ.

އޭގެއިތުރުން ޑެޕިއުޓީ ލީޑަރު ކަމަށް ހަތަރު ބޭފުޅަކު އައްޔަން ކުރާނެ އެވެ. އެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލައްވާފައިވެ އެވެ. އޭގެ ތެރޭގައި މިހާރު ވެސް އެ މަގާމު އަދާކުރައްވާ ތިން ބޭފުޅުން ހިމެނެ އެވެ. އެއީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމާއި ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީން އާއި ޑރ. ހުސެއިން ރަޝީދު ހަސަނެވެ. މިހާރު ތިއްބެވި ޑެޕިއުޓީ ލީޑަރުންގެ ތެރެއިން ކުރިމަތިނުލައްވާ ވަނީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ. އޭނާ ހުންނެވީ ހުކުމެއް ތަންފީޒުކުރައްވަން ޖަލުގަ އެވެ.

އޭގެ އިތުރުން އެ މަގާމަށް ދެން ކުރިމަތިލައްވާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި އަބްދުﷲ އަމީން އަދި ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒެވެ.