ވިޔަފާރި

ބިދޭސީންނަށް ރާއްޖޭގައި އިންވެސްޓް ނުކުރެވޭނެ ވިޔަފާރިތަކެއް ކަނޑައަޅައިފި

May 27, 2015

ބިދޭސީންނަށް ރާއްޖޭގައި އިންވެސްޓް ނުކުރެވޭ، ހަމައެކަނި ދިވެހިންނަށް ހާއްސަ ދާއިރާތަކެއް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައި، މިއަދު އިއުލާނުކޮށްފި އެވެ.

ފެލާނާގޭގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރްޔަމް ވިސާމް ވިދާޅުވީ ހަމައެކަނި ދިވެހިންނަށް ހަރަކާތްތެރިވެވޭނެ ދާއިރާތަކެއް ކަނޑައެޅީ ދިވެހިންނަށް ހުރި ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް ކަމަށެވެ.

"ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ބިދޭސީންނަށް ހަރަކާތްތެރިވެވޭނެ ދާއިރާތަކެއް ކަނޑައަޅާފައި މިވަނީ. ދިވެހި ކުދި ވިޔަފާރިތައް ހަރަކާތްތެރިވާ ދާއިރާތަކުގައި ބިދޭސީންނަށް ހަރަކާތްތެރިއެއް ނުވެވޭނެ،" ވިސާމް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު އާއްމުކުރި ދާއިރާތަކުގެ ތެރޭގައި މައިގަނޑު ފަސް ދާއިރާއެއް ހިމެނެ އެވެ.

ފޮޓޯގްރަފީ އާއި ފޮޓޯގްރަފީގެ ދާއިރާ އާއި ބޮންޑެޓް ވެއާ ހައުސް ހިންގައި، ކުއްޔަށް ދިނުން ހިމެނެ އެވެ. މީގެ އިތުރު ޓޫރިސްޓުންނަށް ވިއްކާ ހަނދާނީ ހަދިޔާ "ސުވެނިޔަ" އުފެއްދުމާއި މި ވިއްކުމުގެ ވިޔަފާރިވެސް ހިމެނެ އެވެ.

ޓޫރިޒަމްގެ ދަތުރުފަތުރުގެ ހިދުމަތުގައި ހިމެނޭ ޕެސެންޖާ ސާވިސަސް ހިމެނެ އެވެ. މި ދާއިރާގައި ބިދޭސީންނަށް ބައިވެރިވެނީ މި ވިޔަފާރިއެއްގެ 51 ޕަސެންޓް ދިވެހިންނަށް ވަޒީފާ ދީގެންނެވެ. މީގެ އިތުރުން މޫދު ކުޅިވަރުގެ ހިދުމަތް ދިނުމުގެ ވިޔަފާރި ހިމެނެ އެވެ. މިފަދަ މަސައްކަތްތަކުގައި ބިދޭސީއެއް ބައިވެރިވާން ބޭނުންނަމަ އެ ވިޔަފާރިއެއްގައި ހަރަކާތްތެރިވާ މުވައްޒަފުގެ 51 ޕަސެންޓަކީ ދިވެހިންނަށް ވާން ޖެހެ އެވެ. ނުވަތަ 100 ޕަސެންޓް ދިވެހިން ހަރަކާތެރިވާ ކުންފުންޏެއް ނަމަ ބިދޭސީއަކަށް އެ ވިޔަފާރިއެއްގައި އިންވެސްޓް ކުރެވިދާނެ އެވެ.

ވިސާމް ވިދާޅުވީ މި ދާއިރާތަކުގައި ބިދޭސީން މަސައްކަތް ކުރުން "ހަނިކުރުމުގެ" ބޭނުމަކީ ދިވެހި ކުންފުނިތަކަށް އިތުރަށް ވިޔަފާރީގައި ބައިވެރިވުމުގެ ފުރުސަތު ދިނުން ކަމަށެވެ.

"ސަރުކާރުގެ ވިސްނުމަކީ ދިވެހިންނަށް ގިނަ ފުރުސަތުތައް އިތުރުކޮށް، ޖުމްލަ އާމްދަނީ އިތުރު ކުރުން،" ވިސާމް ވިދާޅުވި އެވެ.