ކުޅިވަރު

ދަގަނޑޭ ޓީސީއަށް ސޮއި ކޮށްފި

އޭނާގެ އެ ދުމަށް ނިއު ރޭޑިއަންޓްގެ ކޮންޓްރެކްޓް ބާތިލު ކުރުމަށް ފަހު، އަލީ އަޝްފާގް (ދަގަނޑޭ) ޓީސީ ސްޕޯޓްސް ކުލަބަށް ސޮއި ކޮށްފި އެވެ.

ދަގަނޑޭ ޓީސީ އަށް ސޮއި ކުރީ މިރޭގެ ވަގުތެއްގަ އެވެ. އޭނާ ޓީސީ އަށް ސޮއި ކުރީ ސީޒަންގެ ބާކީ އޮތް ބަޔަށެވެ. ނިއުގެ ކޮންޓްރެކްޓް ބާތިލު ކޯށްދޭން އަޝްފާގް އެދުނީ، އެ ކުލަބުން އޭނާ އަށް ދޭން ޖެހޭ މުސާރަ ދީފައި ނުވުމުންނެވެ. އެފްއޭއެމްއަށް ވެސް މައްސަލަ ހުށަހަލާފައި ވުމުން މައްސަލައިގެ ތެރެއަށް އެފްއޭއެމްގެ ޕްލޭއާސް ކޮމިޓީ ވަދެ، އަޝްފާގް ނިއު އާއެކު ހަދާފައިވާ ކޮންޓްރެކްޓް ވަނީ ބާތިލު ކޮށްފަ އެވެ.

އަޝްފާގް ޓީސީއަށް ސޮއި ކުރީ ފްރީ ޓްރާންސްފާއެއްގައި ނަމަވެސް އޭނާ ޓީސީއަށް ސޮއި ކުރީ ކިހާވަރެއްގެ އަގެއްގައި ކަމެއް ރަސްމީކޮށް އެ ޓީމުން ހާމަކޮށްފައެއް ނުވެ އެވެ.

ކުލަބު ވެލެންސިއާއިން 2001 ވަނަ އަހަރު ސީނިއާ ކެރިއާ ފެށި، އަޝްފާގް ޓީސީއަށް ބަދަލު ވުމާއެކު، އެކުލަބު ވެފައި ވަނީ އޭނާ ކުޅޭ ހަ ވަނަ ކުލަބަށެވެ.

ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ، ކުރީގެ ކެޕްޓަނަކީ ނިއު ރޭޑިއަންޓަށްވެސް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާގެ ކެރިއަރުގެ ތިން ވަނަ ފަހަރަށް ނިއު އާ ގުޅުނީ މިދިޔަ ސީޒަންގެ މެދުތެރެގައެވެ. އެއް އަހަރަށް ފަހު، ނިއު ދޫކޮށްލިއިރު އޭނާ ވަނީ، މިދިޔަ އެއް އަހަރު ތެރޭ ރާއްޖޭގައި ކުޅުނު ހުރިހާ މުބާރާތެއް ނިއު އަށް ކާމިޔާބު ކޮށްދީފަ އެވެ.

މި އަހަރު އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖު ފަހަނައަޅައި ނިއު އަށް ނުދެވުނަސް އޭނާ ވަނީ، އޭއެފްސީ ކަޕުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އޭއެފްސީ ކަޕުގައި އޭނާ ދެއްކި ކުޅުން ސަރަހައްދުގެ އެހެން ޓީމުތަކުގެ ކޯޗުންވެސް ފާހަގަ ކުރި އެވެ.

ދެހާސް ސޯޅަ ވަނަ އަހަރު މާޒިޔާއާ ވެސް އަޝްފާގް ގުޅުނީ ސީޒަންގެ މެދުތެރެއިންނެވެ. އެ އަހަރުގެ ދިވެހި ޕްރިމިއާ ލީގް މާޒިޔާއަށް ހޯދައިދިނުމުގައި މުހިންމު ދަުރެއް އަދާ ކުރި އެވެ. މިދިޔަ އަހަރު ނިއު ރޭޑިއަންޓާ ގުޅުނީވެސް ސީޒަންގެ މެދު ތެރެއިންނެވެ. މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގް ނިއު އަށް ހޯދައިދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރި އެވެ.

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގައި މަޖީދިއްޔާގެ ޓީމުން ފާހަގަ ކުރެވުނު، ދަގަނޑޭ އުމުރުން 16 އަހަރުގައި ކުލަބު ކެރިއާ ފެށީ ކުލަބު ވެލެންސިއާއިންނެވެ. ވެލެންސިއާގެ އިތުރުން ނިއުރޭޑިއަންޓަށާއި ވީބީ އައްޑޫ އެފްސީ އަށާއި ބުރުނާއިގެ ޑީޕީއެމްއެމް އެފްސީ އަދި މެލޭޝިއާގެ ޕީޑީއާރްއެމް އަށްވެސް ދަގަނޑޭ ވަނީ ކުޅެފައެވެ.