ފިނިޕޭޖް

"ސައުންޑްސް އޮފް މޯލްޑިވްސް" ދުބާއީގެ ހިތްގައިމު މަންޒިލަކުން

ހައި ރައިޒް އިން ދިވެހި މިއުޒީޝަނުންނަށް ހުޅުވަމުންދާ ދޮރުތަކަށް ތައުރީފުނުކޮށް ދޫކޮށްލައިގެން ނުވާނެ އެވެ.

އެމީހުން 2011 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ "ސައުންޑްސް އޮފް މޯލްޑިވްސް" އަކީ ދިވެހި މިއުޒީޝަނުންނަށް ފެންވަރު ރަނގަޅު ޕްލެޓްފޯމެއް ހޯދައި ދިނުމަށް ކުރަމުން ގެންދާ މަސައްކަތުގެ އެންމެ ފާހަގަކޮށްލެވޭ ޕްރޮޑަކްޓެވެ. އެންމެފަހުން ބެންގަލޫރުގައި ބޭއްވި މި ސިލްސިލާގެ ކުލަގަދަ އެޕިސޯޑަށް ފަހު ހައިރައިޒް މި ވަނީ "ސައުންޑް އޮފް މޯލްޑިވްސް" އާއެކު އަނެއްކާވެސް އާ އުސްމިނަކަށް ހިފައިފަ އެވެ.

މި ސިލްސިލާގެ ކުރިއަށް އޮތް ޝޯ ބޭއްވުމަށް ހަމަޖެހިފައި ވަނީ ތަރައްގީގެ އެންމެ އުހަށް އަރާފައިވާ ދުބާއީގަ އެވެ. ބްރްޖު ޚަލީފާގެ ޓެރަސްއެއްގައި އިވެންޓް ނުބޭއްވުނަސް "ސައުންޑްސް އޮފް މޯލްޑިވްސް" ދެން ބާއްވާނީ އެ ފެންވަރުގެ ހޮޓަލެއްގަ އެވެ.

އަނަންތަރާ ދަ ޕާމް، ޖުމެއިރާ ބީޗު، ޖުމެއިރާ އެމިރޭޓްސް ޓަވާ، ނޯވޯޓެލް، ފެއާމޮންޓް، މޭޑިއަންޓް އަދި ދުސިތު ތާނީ ދުބާއީ ފަދަ ހޮޓެލްތަކާ އެކު މި ހަފުތާގައި ހައި ރައިސްގެ އިސް ފަރާތްތަކުން ވަނީ އިވެންޓަށް ފުރުސަތު ހޯދުމަށް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެހެންކަމުން "ސައުންޑްސް މޯލްޑިވްސް" ގެ ބެރުގެ އަޑު މިފަހަރު އިވޭނީ މި ލިސްޓުގައި ހިމެނޭ ހޮޓެލްތަކުގެ ތެރެއިން ކޮންމެވެސް އެއް ހޮޓަލެއްގަ އެވެ.

މި ކޮންސެޓްގެ އިތުރުން މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ ހާއްސަ ހަފުލާއެއް ވެސް ދުބާއީގައި ކުރިއަށް ގެންދިއުމަށް ހައި ރައިޒް އިން ދަނީ ތައްޔާރުވަމުންނެވެ. މި ޓްރެވަލް އެވޯޑްސްގެ ރަސްމީ ހަފުލާ އަންނަ އަހަރު ބާއްވާނީ ކޮކޯ ބޮޑު ހިތީގަ އެވެ.

"ސައުންޑްސް އޮފް މޯލްޑިވްސް" ދުބާއީގައި ބޭއްވުމުގެ ތައްޔާރީތައް ފަށާފައިވާއިރު މިއީ އެންމެ ފުރަތަމަ ކުޑަ ބަނޑޮހުން ފެށި ކޮންސެޓެކެވެ. އެއަށް ފަހު ކޮޅުނބާއި މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރު އަދި ބެންގަލޫރުގައި ވަނީ ކާމިޔާބުކަމާ އެކު މި ކޮންސެޓް ކުރިއަށް ގެންގޮސްފަ އެވެ.

ހައިރައިޒް އާއި ދިވެހި ރިކޯޑްސް ގުޅިގެން ކުރިއަށް ގެންދާ މި ސިލްސިލާ އަކީ ދިވެހި މިއުޒިކާއި ފަންނާނުން އާ އުސްމިނަކަށް ގެންގޮސް އެހެން ސަގާފަތްތަކާއި ބައިނަލްއަގުވާމީ މައިދާންތަކަށް ތައާރަފްކޮށް ކުރިއެރުން ހޯދައި ދިނުމަށް ކުރިއަށް ގެންދާ ޝޯތަކެކެވެ.