ވިޔަފާރި

ލަގްޒަރީ ލައިފްސްޓައިލް މެގަޒިންގެ ހަނީމޫން މަންޒިލަކަށް ރާއްޖެ

Jun 23, 2018
1

ލަގްޒަރީ ޓްރެވަލް ލައިފް ސްޓައިލް މެގަޒިން އިން ހޮވި ހަނީމޫން މަންޒިލްގެ އެވޯޑު ރާއްޖެއަށް ލިބިއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ ރާއްޖެއަށް "ލަގްޒަރީ ލައިފް ސްޓައިލް މެގަޒިލްގެ ރީޑާސް ޓްރެވަލް އެވޯޑު" ދީފައިވަނީ އެ މަޖައްލާގެ ކިޔުންތެރިންގެ ހިޔާލުގެ މައްޗަށް ބަލައިގެން ކަމަށެވެ.

ލައިފްސްޓައިލް ރީޑާސް ޓްރެވަލް އެވޯޑު މަޖައްލާއަކީ އިނގިރޭސިވިލާތުގެ މަޖައްލާ އެވެ. މި މަޖައްލާގެ އެވޯޑެއް ރާއްޖެއަށް ލިބިގެން ދިއުމަކީ ރާއްޖޭގެ ޓޫރިޒަމް އިނގިރޭސި މާކެޓަށް އިޝްތިހާރު ވުމަށް އެޅިގެންދާނެ އިތުރު ފިޔަވަޅަކަށްވާނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

މި އެވޯޑަކީ ޓޫރިޒަމް ދާއިރާގައި ހިމެނޭ ގިނަ ބައިތަކެއް ހިމަނައިގެން ދޭ އެވޯޑެވެ. އެވޯޑު ދިނުމުގެ ކަންތައް ބަލަހައްޓަނީ ހާއްސަ ޖަޖިން ޕެނަލަކުންނެވެ. މި އެވޯޑު ރާއްޖެއަށް ލިބިފައިވަނީ ސީޝެލްސް އާއި ފިޖީ އަދި އިޓަލީގެ ވެނިސް އާއި ކެރީބިއަންގެ ޖަޒީރާ ރަށެއް ކަމަށްވާ ލޫސިއާގެ އިތުރުން އިޓަލީގެ ފްލޮރެންސް ފަދަ މަންޒިލްތަކާ ވާދަ ކޮށެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ ރާއްޖެއަކީ އިނގިރޭސި ޓޫރިސްޓުންގެ މެދުގައި މަގުބޫލު ހަނީމޫން މަންޒިލެއް ކަމަށާއި ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓުތަކެއް ހުޅުވަމުންދާއިރު، މިކަން ވެގެންދާނީ ރާއްޖެއަށް ޗުއްޓީއަށް އަންނަ މީހުންނަށް ހުޅުވިގެންދާ އިތުރު ފުރުސަތަކަށް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން 51,076 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 45,656 މީހުންނާ އަޅާބަލާއިރު 11.9 ޕަސެންޓް އިތުރުވުމެކެވެ.