ހަބަރު

ފްލެޓާ ގުޅޭ ގިނަ ސިޓީތައް ހުށަހެޅިން، އަޅާ ނުލީ މިނިސްޓަރު: ޝަމާއު

ސިނަމާލެ، މާލެ ފްލެޓްތަކުގައި ހުރި މައްސަލަތަކާ ވިދިގެން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒުއަށް ގިނަ ސިޓީތަކެއް ފޮނުވި ކަމަށާއި އެކަމާ "އަޅާވެސް ނުލެއްވި" ކަމަށް މާލެ ސިޓީ ކައުންސިލްގެ މެންބަރު އަހުމަދު ޝަމާއު ޝަރީފް ވިދާޅުވެއްޖެ އެވެ.

މާލޭގެ ގެތަކުގެ ހާލަތު ބެލުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމެއްގެ ދަށުން، ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒް އިއްޔެ މާލޭގެ ބައެއް ސަރަހައްދުގެ ހުރި ގެތަކަށް ޒިޔާރަތްކުރެއްވި އެވެ. އިއްޔެގެ ތަޖުރިބާއާއެކު މިނިސްޓަރު މިއަދު ޓުވިޓަރަށް ދޫކޮށްލި ޕޯސްޓެއްގައި ވިދާޅުވީ، ސިނަމާލެ-މާލެހިޔާ ފްލެޓްތަކަށް ދިއުމުން އެނގުނީ މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އެ ފްލެޓްތަކަށް ކައުންސިލުން އިންހިހާ ދަރަޖައަށް އިހުމާލުވެފައިވާ ކަމަށެވެ. އެމްޑީޕީގެ ބާރު އޮތް ސިޓީ ކައުންސިލުން ރައްޔިތުންނަށް އެވަރަށް އިހާނާތްތެރިކޮށް ހިތަނީ ކީއްވެގެންތޯ ސުވާލުކުރައްވާފަ އެވެ.

މިނިސްޓަރުގެ އެ ޓުވީޓަށް ރައްދު ދެއްވައި ޝަމާއު ވިދާޅުވީ، ސިނަމާލެ މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ގާތަށް އަލަށް ވަޑައިގެންނެވުމުން މިނިސްޓަރަށް ލައްކަ ކަންތައްތަކެއް ފެނިވަޑައިގެންފި ކަމަށެވެ. އިތުރަށް ފްލެޓްތަކުން ހަލާކުވެ ވީރާނާވެފައިހުރި ތަންތަން ބެލުމަށް ލަފާދިނުމަށްފަހު ޝަމާއު ވިދާޅުވީ އެ ކަންތައްތަކާ ގުޅިގެން މިނިސްޓަރަށް ލައްކަ ގިނައިން ސިޓީތައް ފޮނުވި ކަމަށެވެ. ނަމަވެސް އަޅާނުލެއްވީ މިނިސްޓަރު ކަމަށެވެ.

"އަލަށް ދިޔައިމަ ލައްކަ ކަންކަން ފެނިއްޖެ ދެއްތޮ. އަދި ފުރާޅާ އެހެން ތަންތަން ވެސް ބައްލަވާތި. ވެއްޓެން ކައިރިވެފަ ހުރި ބެލްކޮނީތަކާ ތަނބުތައް ވެސް އެބަޖެހޭ ބަލަން،" ޝަމާއު ވިދާޅުވި އެވެ.

ބާރުތަށް މުށަށް ލައިގެން މާލެ ސިޓީ ކައުންސިލް އޮބި އެޅީ މި ސަރުކާރުން ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒުގެ ޓުވީޓަށް ރައްދު ދެއްވައި ޝަމާއު ކުރެއްވި ޓުވީޓް --

މާލެހިޔާ ސިނަމާލެ ފްލެތްތަކާ ގުޅިގެން ހައުސިން މިނިސްޓަރާއި ސިޓީކައުންސިލުން ދެ ފަރާތަށް ތުހުމަތުގެ އިނގިލި ދިއްކުރާއިރު، އެ ދެ އިމާރާތުގައި ދިރިއުޅޭ މީހުން އެހާލުގައި އުޅޭތާ އަހަރުތަކެއް ވަނީ ވެފަ އެވެ. ހާއްސަކޮށް ބޯކޮށް ވާރޭވެހޭ ދުވަސްކޮޅަކާ ދިމާވެއްޖެނަމަ މާލެ ހިޔާ އާއި ސިނަމާލެ ފްލެޓްތަކުގެ ގިނަ މީހުން ތިބެންޖެހެނީ ގޭތެރެ ފެންބޮޑުވާތީ ހޭލަ އެވެ. އެކަމުގެ ޝަކުވާ އަބަދު ސިޓީ ކައުންސިލަށް ހުށަހަޅަންޖެހިފައި އޮތުމަކީ އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ޝަކުވާއެކެވެ.