ކުޅިވަރު

ޗެމްޕިއަން ބަލި ކުރެވުނަސް މެކްސިކޯގެ ފެންވަރެއް ނޯޅޭ

އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން ބަލި ކުރެވުނަސް، މެކްސިކޯއަށް ޓީމުގެ ފެންވަރު އެނގޭ ކަމަށް އެ ޓީމުގެ ކޯޗް ހުއާން ކާލޯސް އޮސޯރިއޯ ބުނެފި އެވެ.

ގުރޫޕް "އެފް" ގެ ފުރަތަމަ މެޗުގައި، މެކްސިކޯ ވަނީ ޖަރުމަން އަތުން 1-0 މޮޅުވެފަ އެވެ. އޮސޯރިއޯ ބުނީ ޖަރުމަން ބަލި ކުރެވުނަސް، މެކްސިކޯ އަށް ދެ ވަނަ ބުރަށް ދެވޭނީ ވަރަށް މަސައްކަތް ކޮށްގެން ކަމަށާއި ފަސޭހަ ކޮށްލައިފިނަމަ ދެރަ ލިބޭނެ ކަމަށެވެ.

މެކްސިކޯގެ ދެ ވަނަ މެޗުގައި، މިއަދު އެ ޓީމު ނިކުންނާނީ ދެކުނު ކޮރެއާ އާ ދެކޮޅަށެވެ. ފުރަތަމަ މެޗުގައި ކޮރެއާ ވަނީ ސްވިޑެން އަތުން ބަލިވެފަ އެވެ. އޮސޯރިއޯ ބުނީ މެޗު ފަސޭހަ ކޮށްލުމުގެ ވިސްނުމެއް އޭނާގެ ކުޅުންތެރިން ނުގެންގުޅޭނެ ކަމަށެވެ.

"އަހަރެމެން ވާހަކަ ދައްކާފައި ވަނީ ފަސޭހަ ކޮށްލައި ރެސްޓް މޫޑަކަށް ނުވެއްޓޭނެ ގޮތަކަށް ކަންތައް ކުރަން،" ނޫސްވެރިންނާ ވާހަކަ ދައްކަމުން އޯސޯރިއޯ، 56 ބުންޏެވެ.

"އަހަރެމެން މި ހަފުތާގައި ވާހަކަ ދެއްކިން، ޖަރުމަން މެޗުގައި އަހަރެމެންނަށް ކުރެވުނު ރަނގަޅު ދެތިން ކަމަކާ ބެހޭގޮތުން، ކުޅުންތެރިން ތިބީ އެކަންކަމުގައި ހިފެއްޓުމަށް ވަރަށް ވަރުގަދަ އަަޒުމެއްގައި."

އޭނާ ބުނީ، މެކްސީކޯ ޓީމުން ހިފަހައްޓަން ޖެހޭނީ ތިނެއްޗެއްގައި ކަމަށެވެ. އެއީ ކޮންފިޑެންސް ހިފެހެއްޓުމާއި، އެކަން ވާނެ ކަމަށް ގަބޫލު ކުރުމާ އިދިކޮޅު ޓީމަށް އިހްތިރާމް ކުރުމެވެ.

ދެކުނު ކޮރެއާގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ސަން ހިއުންގް މިން އެވެ. މުބާރާތުގައި އޭނާ އަށް އަދި މިހާތަނަށް އެކަށީގެންވާ ކުޅުން ދައްކާ ލެވޭ ގޮތެއް ނުވެ އެވެ. ދެކުނު ކޮރެއާގެ ކޯޗް، ޝިން ޓޭ ޔޮންގް ބުނީ މެކްސިކޯއާ ދެކޮޅަށް ކުޅޭ މެޗުގައި ސަންގެ ކުޅުން ފެންނާނެ ކަމަށެވެ.