ކުޅިވަރު

މެކްސިކޯއަށް އުންމީދު ބޮޑު، ކޮރެއާއަށް ފުރުސަތު ގެއްލިޖެ

ދެކުނު ކޮރެއާގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ވޯލްޑްކަޕުގެ ދެ ވަނަ ބުރަށް ދިއުމުގެ އުންމީދު މެކްސިކޯއިން ބޮޑު ކޮށްފި އެވެ.

މެޗުން ބަލިވުމުން، ކޮރެއާއަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިފަ އެވެ. ޖަޕާނާއި ކޮރެއާ، ދެ ގައުމު ހިއްސާ ވެގެން 2002 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ސެމީ ފައިނަލަށް ދަތުރު ކުރި ފަހުން ކޮރެއާއަށް ގުރޫޕް ސްޓޭޖު ފަހަނައަޅާއި ދެވުނީ އެންމެ ފަހަރަކު އެވެ. އެއީ ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގަ އެވެ.

މިރޭ، ސްވިޑެން އާއި އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން ބައްދަލު ކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން، ދެ ވަނަ ބުރުގެ ޖާގަ މެކްސިކޯއަށް ލިބޭނެ އެވެ. މެޗު އެއްވަރު ވިޔަސް ނުވަތަ ސްވިޑެން މޮޅު ވިނަމަވެސް މެކްސިކޯއަށް ދެ ވަނަ ބުރުގެ ޖާގަ މިރޭ ޔަގީން ވާނެ އެވެ.

މެކްސިކޯގެ ފުރަތަމަ ލަނޑު ކާލާސް ވޭލާ ކާމިޔާބު ކުރީ މެޗުގެ 26 ވަނަ މިނެޓްގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ އަކީ، ކޮރެއާގެ ޕެނަލްޓީ އޭރިއާ ތެރެއިން، މެކްސިކޯއިން ގޯލް ކުރިމައްޗަށް ނަގައިދޭން އުޅުނު ބޯޅައަށް ކޮރެއާގެ ކެޕްޓަން، ކީ ސަންގް ޔިއުންގް ހުރަސް އަޅަން އުޅުމުން ބޯޅަ އޭނާގެ އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ.

ފުރަތަމަ ހާފުގައި، ކޮރެއާގެ ތަރި ސަން ހިއުންގް މިން އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލަން އުޅުނު ބޯޅައަށް އަށް ނިކުމެ އެ ބޯޅަ ކޯނަރަކަށް ބޭރު ކޮށްލީ މެކްސިކޯގެ ކީޕަރު ގިޔޭމޯ އޮޗޯއާ އެވެ.

ދެ ވަނަ ހާފުގައި، ކޮރެއާއިން ވަނީ ފުރުސަތުތައް ތަނަވަސް ކޮށްފަ އެވެ. މެކްސިކޯ ދެ ވަނަ ލަނޑު ޖެހި ފަހުން، ކޮރެއާ އަށް ވަނީ ވަރަށް ތަނަވަސް ފުރުސަތެއް ލިބިފަ އެވެ. މެކްސިކޯގެ ޑިފެންޑަރު މާކްއޭޒް ކީޕަރަށް ދޭން އުޅުނު ބޯޅަ ކޮރެއާ އަށް ލިބުނު ނަމަވެސް އެ ޓީމަށް އެފުރުސަތު ބޭނުމެއް ނުކުރެވުނެވެ. އޭރު މެކްސިކޯގެ ކީޕަރުވެސް ހުރީ ގޯލް ދޫކޮށް ވަރަށް ބޮޑަށް ކުރިއަށް ނިކުމެ އެވެ. އެއީ މުޅި މެޗުގައިވެސް ކޮރެއާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތެވެ.

މެކްސިކޯގެ ދެ ވަނަ ލަނޑު ހާވިއާ ހެނާންޑޭޒް (ޗިޗަރީޓޯ) ކާމިޔާބު ކުރި ލޮޒާނޯ ދިން ބޯޅައަކުންނެވެ. ހެނާންޑޭޒް އެގޯލް ކާމިޔާބު ކުރީ ކޮރެއާގެ ޑިފެންޑަރު ޖަންގް ހިޔުން ސޫ ވެސް ކަޓުވާލުމަށް ފަހު އެވެ. ހެނާންޑޭޒް ޖެހި ލަނޑާއެކު އޭނާ ވެފައި ވަނީ ވޯލްޑްކަޕުގައި މެކްސިކޯ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން އެއް ކުޅުންތެރިޔާ އަށެވެ.

މިފަހަރުގެ ވޯލްޑްކަޕުގައި ކޮރެއާއިން ޖެހި ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ސަން އެވެ. އޭރިއާގެ ބޭރުން އޭރިއާގެ ކަނާ ދިމާލުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދުރު ކަަނަށެވެ.