އެޗްބީއޯއިން ގެނެސްދޭ ކާމިޔާބު ސީރީޒް "ގޭމް އޮފް ތްރޯންސް" އިން ގިނަ ބައެއް މަގުބޫލުކަން ލިބުނު ޖޯޑު ކިޓް ހެރިންގްޓަންއާއި ރޯޒް ލެސްލީ ކައިވެނި ކޮށްފި އެވެ.
މި ދެ މީހުން ކައިވެނި ކުރީ ސްކޮޓްލޭންޑުގެ ރަށެއްގަ އެވެ. މި ރަށަކީ އެކްޓިންގެ ދާއިރާއިން ކުރިއަށް ދިއުމަށް ރޮސް ލަންޑަނަށް ދިއުމުގެ ކުރިން އުޅެ ބޮޑުވި ރަށެވެ. ރޮސްގެ އާއިލާގެ ބައެއް މެމްބަރުން ވެސް ދިިރިއުޅެނީ މި ރަށުގަ އެވެ.
މި ހަފްލާގައި ގިނަ ބަޔަކު ބައިވެރިވި އެވެ. އޭގެ ތެރޭގައި "ގޭމް އޮފް ތްރޯންސް"ގެ ބައެއް ތަރިން ކަމަށްވާ، ޕީޓާ ޑިންކްލޭޖް، މެއިސީ ވިލިއަމްސް، ސޯފީ ޓާނާ އަދި އެމީލިއާ ކްލާކް ހިމެނެ އެވެ.
މި ދެމީހުން ކައިވެނިކުރަން އުޅޭކަން ހާމަކުރީ މިދިޔަ އަހަރު ސެޕްޓެމްބަރުގަ އެވެ. މި މަހު 23 ގައި މި ދެމީހުން ކައިވެނި ކުރަން އުޅޭކަން އެނގުނީ ސްކޮޓްލޭންޓުގެ ކައިވެނި ރެޖިސްޓްރޭޝަން ކުރާ އޮފީހުގައި ނަން ނޯޓުކޮށްފައި އޮތުމުންނެވެ.
ދެ މީހުންގެ މެދުގައި ހާއްސަ ގުޅުމެއް އުފެދުނީ 2012 ވަނަ އަހަރު ގޭމް އޮފް ތްރޯންސްގެ ދެ ވަނަ ސީޒަންގެ ޝޫޓިންގެ ތެރެއިންނެވެ. އެ ސީޒަންގައި މި ދެ މީހުން ވަނީ އޮންސްކްރީންގައި ވެސް ދެ ލޯބިވެރިންގެ ރޯލު ކުޅެފަ އެވެ. އަސްލު ދިރިއުޅުމުގައި ލޯބީގެ ގުޅުން ފެށުނީވެސް އެހާ ހިސާބުންނެވެ.
އެ ސީރީޒްގެ ދެ ސީޒަނެއްގައި މި ދެ މީހުން އެއްކޮށް ފެނުމަށްފަހު ރޯޒް ވަނީ ޝޯއިން ވަކިވެފަ އެވެ. ކިޓްއަކީ މިހާރު މި ސީރީޒްގެ އެންމެ މުހިންމު އެއް ރޯލު ކަމަށްވާ "ޖޯން ސްނޯ" ގެ ރޯލުން ފެންނަ ތަރި އެވެ. ރޯޒް ކުޅުނީ "ރިންގިޓް" ގެ ރޯލެވެ.