ހަބަރު

ޒަކާތު ފަންޑުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަސް ކުއްޖެއް މާދަމާ ފުރަނީ

ޒަކާތު ފަންޑުގެ ދަށުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާދަމާ ރާއްޖެއިން ބޭރަށް ފަސް ކުއްޖެއް ފުރުމަށް ހަމަޖެހިއްޖެ އެވެ. އެ ފަސް ކުދިންނާ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވަނީ ބައްދަލުކުރައްވާފަ އެވެ.

އެ ކުދިންނާ ބައްދަލުކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކުރިޔަށް އޮތް އަހަރުތަކުގައިވެސް މިފަދަ ފުރުސަތުތައް ތެލެސީމިއާ ކުދިންނަށް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި އެއްވެސް ކަމެއް ދިމާވެއްޖެނަމަ ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅުއްވާ އެކަންކަން ހައްލުކުރުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

އެ ކުދިންނާ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވާ މިނިސްޓަރު ވަނީ ކުދިންގެ ހާލަތު އައްސަވާ އެކުދިންގެ ކަންކަން ރާއްޖެއިން ބޭރުގައި ހަމަޖެހިފައިހުރިތޯ ބައްލަވާފަ އެވެ.

މާދަމާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރާ ފަސް ކުދިންނަކީ، މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ޒަކާތު ފަންޑުން ޓްރާންސްޕްލާންޓް ހެދުމަށް ލިޔުން ހަވާލުކޮށްފައިވާ 32 ކުދިންގެ ތެރެއިން ސިއްހީ ހާލަތު ރަނގަޅު ކަމަށް ފާހަގަކުރެވިފައިވާ ފަސް ކުދިންނެވެ. އެ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ހަމަޖެހިފައިވަނީ އިންޑިޔާގެ ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލުންނެވެ.

އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެއްވަމުން އެސޯސިއޭޓް ސްޕެޝަލިސްޓް ޑރ. އަހުމަދު އުމަރު ވިދާޅުވީ ފަސް ކުދިން މިހާރު ފޮނުވާލިޔަސް ކުރިޔަށް އޮތް ތަނުގައި ކުދިން ފިޓްވާވަރަކުން ހޮސްޕިޓަލުގައި ޖާގަ އޮތް މިންވަރަށް ބަލާ ކުދިން ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"ކޮންމެ އަހަރަކުވެސް އެޗްއެލްއޭ ދިމާވޭތޯ ތެލެސީމިއާ ކުދިން ތިބި އާއިލާތަކުން އެ އާއިލާގެ އެހެން މީހުންނާ ހަދަމުންދަނީ، އެޗްއެލްއޭ ހަދާފައި ދިމާވާ ފަރާތްތަކުން ރިޕޯޓްތައް ހުށަހަޅަމުންދާ މިންވަރަކުން އެކުދިންގެ މައުލޫމާތުތައް އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑަށް ފޮނުވަމުންދާނެ، ޒަކާތު ފަންޑުން ރިވިއު ހެދުމަށްފަހު އެ ބޭފުޅުން ކަނޑައަޅުއްވަނީ އިތުރު ފުރުސަތު ދެވޭނެތޯ ނުވަތަ ނޫންތޯ، ލިޔުން ހަވާލުކުރި ފަހުންވެސް އެބަހުރި އެޗްއެލްއޭ ދިމާވެގެން ކުދިން ލިޔުން ހުށަހަޅާފައި، އުންމީދުކުރަން ކުރިޔަށް އޮތް ތަނުގައި އެކުދިންނަށް ދެވޭނެކަމަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް،" ޑރ. އަހުމަދު އުމަރު ވިދާޅުވިއެވެ.

މާދަމާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރުމަށް ހަމަޖެހިފައިވާ ކުއްޖަކު ބުނީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ފުރުސަތު ލިބުމުން އެކަމާ އުފާކުރާ ކަމަށެވެ. އަދި އެކަމަށްޓަކާ ސަރުކާރަށް ޝުކުރުއަދާ ކުރާކަމަށް އޭނާ ބުންޏެވެ.

ޒަކާތު ފަންޑުގެ ދަށުން 2015 ވަނަ އަހަރުން ފެށިގެން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މިހާތަނަށް 24 ކުއްޖަކު ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފަ އެވެ. ބޯންމެރޯ ހެދުމަށްޓަކައި ކުއްޖަކަށް ނުވަ ލައްކަ ރުފިޔާ ހަރަދު ވެއެވެ. ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ދެކޮޅު ޓިކެޓާއި ރާއްޖެއިން ބޭރުގައި ފަރުވާގެ ކަންތަކުގައި ހޭދަކުރަންޖެހޭ މުއްދަތުގައި ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސުމަށް ދެވޭ އެލަވަންސް ބޯންމެރޯ ހަދާ ފަރާތާއި ބޯންމެރޯ ދޭ ފަރާތާއި ބޯންމެރޯ ހަދާ ފަރާތުގެ ދެ ބެލެނިވެރިންނަށް ދެ އެވެ. އަދި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްފަހު އެއް އަހަރު ވުމުން ހަދަންޖެހޭ ރިވިއުގެ ހަރަދުވެސް ޒަކާތު ފަންޑުން ހަމަޖައްސައި ދެއެވެ.