ހަބަރު

އިންތިހާބުތަކާ ބެހޭ ގާނޫނުގެ އިސްލާހުތައް މާދަމާ ހުށަހަޅަނީ

އިލެކްޝަންސް ކޮމިޝަނުން އެދިގެން އިންތިހުބުތަކާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހުތަކުގެ ބިލްތައް މާދަމާ މަޖިލީހަށް ހުށަހަޅަން އެޖެންޑާކޮށްފި އެވެ. ފުރަތަމަ ކިޔުން އިއްވުމަށް އެެޖެންޑާކޮށްފި އެވެ.

ދިގު ޗުއްޓީއަކަށް ފަހު މާދަމާ މެންދުރު 1:00 ގައި ބާއްވާ މަޖިލީހުގެ ޖަލްސާއަށް ސަރުކާރުގެ ފަރާތުން ތިން ބިލަކަށް އިސްލާހު ހުށަހަޅަން ވަނީ އެޖެންޑާކޮށްފަ އެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ގާނޫނަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ހުށަހަޅުއްވާފައިވާ ބިލްގެ ފުރަތަމަ ކިޔުން އިއްވަން އެޖެންޑާކޮށްފައިވާ އިރު، ހަމަ އެ ގާނޫނަށް ސަރުކާރުގެ ފަރާތުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުހައްމަދު ލަތީފް ވެސް އިސްލާހެއް ހުށަހަޅުއްވަ އެވެ.

އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލްގެ ފުރަތަމަ ކިޔުންވެސް މާދަމާ އިއްވަން ވަނީ އެޖެންޑާކޮށްފަ އެވެ.

މާދަމާގެ ޖަލްސާއަށް ދެން އެޖެންޑާކޮށްފައި ވަނީ ރަޝިޔަން ފެޑެރޭޝަނަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް މުހަމަދު ހުސައިން ޝަރީފު އައްޔަން ކުރުމަށް ރައީސް އެދިވަޑައިގެންފައި ވާތީ އެ މައްސަލައެވެ.