ކުޅިވަރު

ޖަޕާނާއި ސެނެގާލް އެއްވަރުވެ އިންތިޒާރު ދިގުވެއްޖެ

ޖަޕާނާއި ސެނެގާލް 2-2 ން އެއްވަރު ވޯލްޑްކަޕުގެ ދެ ވަނަ ބުރުގެ ޖާގަ ހޯދަން ދެ ޓީމުވެސް ކުރަން ޖެހޭ އިންތިޒާރު ދިގު ވެއްޖެ އެވެ.

ދެ ޓީމުވެސް މެޗަށް ނިކުތީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު އެވެ. މެޗުން ކޮންމެ ޓީމެއް މޮޅު ވިނަމަވެސް އެ ޓީމަކަށް ދެ ވަނަ ބުރުގެ ދޮރާ ވަރަށް ކައިރިއަށް ދެވުނީހެވެ.

މެޗުގެ ކުރިން ޖަޕާންގެ ކޯޗް އަކީރާ ނިށީނޯ ބުނީ، އޭނާގެ ޓީމުން އެންމެ ސާމަލު ވާން ޖެހޭ ކުޅުންތެރިޔަކީ، ސެނެގާލްގެ ކެޕްޓަން ސެޑިއޯ މާނޭ ކަމަށެވެ. މެޗުގައި ޖަޕާންގެ ކުޅުންތެރިން ވަނީ މާނޭ ވަރަށް ރަނގަޅަށް ބަނދެލައިގެން ކުޅެލާފަ އެވެ.

ސެނެގާލުގެ ފުރަތަމަ ލަނޑު މާނޭ ކާމިޔާބު ކުރީ މެޗުގެ 11 ވަނަ މިނެޓްގަ އެވެ. އެ ލަނޑު އޭނާ އަށް ކާމިޔާބު ކުރަން ފުރުސަތު ލިބުނީ ޖަޕާންގެ ކީޕަރު އީޖީ ކަވަށިމާއަށް ހެދުނު ބޮޑު މިސްޓޭކަކުންނެވެ.

ސެނެގާލްގެ ޔޫސުފް ސަބާލީ ގޯލަށް ފޮނުވާލި ބޯޅަ، ކީޕަރު ކަށިމާއަށް ކޮންޓްރޯލް ކުރެވުނު ނަމަވެސް އޭނާއަށް އެ ބޯޅަ ރަނގަޅަށް ދިފާއު ނުކުރެވުމުން، އޭނާގެ ކުރިމަތީގައި ހުރި މާނޭ ވަނީ އެ ބޯޅަ ގޯލްތެރެއަށް ފޮނުވާލާފަ އެވެ.

ޖަޕާނުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 34 ވަނަ މިނެޓްގައެވެ. ސެނެގެލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ޔޫޓޯ ނަގަމޯޓާ، ޕޮޒިޝަން ބަދަލުކޮށްފައި ފޮނުވާލަން އުޅުނު ބޯޅަ ޓަކަށީ އިނުއީ، ވަނީ ނަގަމޯޓާ އަތުން ބޯޅައިގެ ކޮންޓްރޯލް ގެއްލުމުން އެ ބޯޅަ ގޯލްގެ ދުރު ކަނަށް ވައްދާލާފަ އެވެ.

ދެ ވަނަ ހާފުގައި، ސެނެގާލްއަށް ވުރެ ރަނގަޅަށް ކުޅުނީ ޖަޕާނުންނެވެ. އެ ހާފުގައިވެސް، ކުރިން ލީޑް ނެގީ ސެނެގާލުންނެވެ. އެ ޓީމުން ލީޑް ނެގި ލަނޑު މެޗުގެ 71 ވަނަ މިނެޓްގައި ކާމިޔާބު ކުރީ، މޫސާ ވަގޭ އެވެ. އޭނާ އަކީ ވޯލްޑްކަޕުގައި ސެނެގާލަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އޭނާގެ އުމުރަކީ 19 އަހަރެވެ.

ސެނެގާލުން ލީޑް ނެގި ނަމަވެސް، ޖަޕާނުން ވަނީ އެ ޓީމުން ދަމަހައްޓަމުން ޓެމްޕޯ އެއްވަރެއްގައި ހިފައްހައްޓާފަ އެވެ. މެޗުގެ ފަހު ކޮޅަށް އެޅުނު ފަހުން ބައިކޮޅަށް ލަނޑު ވަން ނަމެވެސް، ޖަޕާންގެ ކުޅުންތެރިންގެ ކުޅުމަށް ބަދަލެއް ނާދެ އެވެ.

އެ ޓީމަށް އަލުން ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު، ސެނެގާލުން ލީޑް ނެގިތާ ހަތް މިނެޓް ފަހުން ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ކެއިސީކޭ ހޮންޑާ އެވެ.