ދުނިޔެ

ކެންޑިޓޭޓެއް މަރާލި މައްސަލާގައި މެކްސިކޯގެ އަވަށެއްގެ ހުރިހާ ފުލުހުން ހައްޔަރުކޮށްފި

Jun 25, 2018

މެކްސިކޯގެ އޯކެމްޕޯގެ މޭޔަރު ކަމަށް ކުރިމަތިލާ ކެންޑިޑޭޓެއް މަރާލިކަމުގެ ތުހުމަތުގައި އެވަށުގެ ހުރިހާ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފެނެންޑޯ އެންޖެލޭސް ހުއާރޭޒް، 64 ބަޑިޖަހާ މަރާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޖުލައި 1 ވަނަ ދުވަހު އާންމު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް މަރާލި ސިޔާސީ މީހުންގެ އަދަދު ވަނީ 100 އަށް އަރާފަ އެވެ.

ހުއާރޭޒްގެ މަރުގެ ތުހުމަތުގައި، އޯކެމްޕޯގައި މަސައްކަތް ކުރާ 27 ފުލުހުންގެ އިތުރުން، އެ އަވަށުގެ ޕަބްލިކް ސެކިޔުރިޓީ ސެކްރެޓަރީ ވަނީ ހައްޔަރުކުރެވިފަ އެވެ.

މާބޮޑު ސިޔާސީ ތަޖުރިބާ އެއް ނެތް ނަމަވެސް، ހުއަރޭޒް ވަނީ ކޮރަޕްޝަނާއި ތަފާތުކުރުން ނައްތާލާނެކަމުގެ ވައުދުވެފަ އެވެ. އޭނާ މަރާލަން ރޭވި ކަމުގެ ތުހުމަތު ޕްރޮސެކިޔުޓަރުން ކުރަނީ އެ އަވަށުގެ ޕަބްލިކް ސެކިޔުރިޓީ ސެކްރެޓަރީ އޮސްކާ ގޮންޒާލޭސް ގާސިއާ އަށެވެ.

މެކްސިކޯގެ ފެޑަރަލް ފުލުހުން ގާސިއާ ހައްޔަރުކުރުމަށް އޯކެމްޕޯއަށް ދިއުމުން، އެ ވަށުގެ ފުލުހުން ވަނީ އެކަމަށް ހުރަސްއަޅާފަ އެވެ. އެއަށްފަހު، އިތުރު ފެޑަރަލް ފުލުހުން ފޮނުވައިގެން، ގާސިއާ އާއެކު އެވަށުގެ ހުރިހާ ފުލުހުން ވަނީ ހައްޔުރުކުރެވިފަ އެވެ.

ގާސިއާ އާއި އޯކެމްޕޯގެ ފުުލުހުން، އޯގަނައިޒްޑް ކްރައިމް ގްރޫޕުތަކާއި ގުޅުން އޮންނަ ކަމަށް ވެސް ތުހުމަތުކުރެ އެވެ. އަންނަ އާދީއްތަ ދުވަހު މެކްސިކޯ ރައްޔިތުން ވޯޓުލާން ނިކުންނައިރު، އާ ރައީސެއްގެ އިތުރުން 3،000 އަށް ވުރެ ގިނަ މާގަމަށް މީހުން އިންތިހާބު ކުރާނެ އެވެ.