ބޮލީވުޑް

އާމިރްގެ ނެޓްފްލިކްސް ފިލްމުގައި އާލިއާ

އާމިރް ޚާން ދެން އެންމެ އަވަހަށް މަސައްކަތްކުރާނީ ޑައިރެކްޓަރު ޝަކުން ބަޓްރާއާއެކު އެވެ. މި ދެ މީހުން އެކުގައި މަސައްކަތްކުރަން ފުރަތަމަ ނިންމާފައި އޮތީ ނެޓްފްލްކިސްގެ ސީރީޒެއްގަ އެވެ. ނަމަވެސް މިހާރު ވަނީ ސީރީޒެއްގެ ބަދަލުގައި ފިލްމެއް ގެނެސް ދިނުމަށް ނިންމާފަ އެވެ.

މި ފިލްމަކީ އިންޑިއާގެ މަޝްހޫރު ގުރުޖީއެއްގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށް ގެނެސްދޭ ފިލްމެކެވެ. އަޗަރްޔާ ރަޖްނީޝް ނުވަތަ މަޝްހޫރު ނަމުންނަމަ އޯޝޯގެ ކިޔާ މި ގުރުޖީގެ ރޯލު ކުޅޭނީ އާމިރް އެވެ. އެމީހާގެ ހަޔާތުގައި ހިނގާފައިވާ ގިނަ ކަންތައްތަކެއް މި ފިލްމުގައި ގެނެސްދޭނެ އެވެ.

ފިލްމުފެއާއިން ރިޕޯޓުކުރި ގޮތުގައި ހާއްސަ ރޯލަކުން މި ފިލްމުގައި އާލިއާ ބަޓް ވެސް ފެނިގެންދާނެ އެވެ. މި ފިލްމުގައި އޭނާ ކުޅޭނެ ކަމަށް ބެލެވެނީ ގުރުޖީ އޯޝޯގެ ސެކްރެޓަރީ، މާ އަނަންދު ޝީލާގެ ރޯލެވެ. މި ފިލްމުގެ ޝޫޓިން ފަށާނީ މި އަހަރު ފަހުކޮޅުގަ އެވެ.

މީގެ ކުރިން އާލިއާ ވަނީ އާމިރްގެ ފިލްމެއްގައި މަސައްކަތްކުރަން ލިބުނު ފުރުސަތު ދޫކޮށްލާފަ އެވެ. އެއީ މި އަހަރު ރިލީޒް ކުރާ އާމިރްގެ ފިލްމު "ތަގްސް އޮފް ހިންދުސްތާން" އެވެ. އެ ފިލްމު ދޫކޮށްލީ އޭގައި އޭނާއަށް ދީފައިވާ ރޯލު ކުޑަކަމުން ކަމަށް މީޑިއާގައި އޭރު ހަބަރު ފެތުރުނެވެ.