ދުނިޔެ

ތައިލެންޑުގެ ހޮހޮޅައެއްގައި ތާށިވެފައިވާ ފުޓުބޯޅަ ޓީމު ފެނުމުގެ އުއްމީދުގައި

Jun 26, 2018

ތައިލަންޑް (ޖޫން 26) - ތައިލަންޑުގެ ހޮހޮޅައެއްގައި ތާށިވެފައިވާ ޒުވާން ފުޓުބޯޅަ ޓީމެއް ސަލާމަތްކުރުމުގެ މަސައްކަތް ބޯކޮށް ވާރޭވެހި ފެންބޮޑުވާތީ މެދުކަނޑަލަން ޖެހިއްޖެ އެވެ.

ތައިލަންޑުގެ އުތުރުން ތޭމް ލުއާންގް ނޭންގް ނޮން ހޮހޮޅައަށް ޒުވާން ފުޓުބޯޅަ ޓީމެއްގެ 12 ކުޅުންތެރިން އެ ކުދިންގެ ކޯޗާއެކު ވަނީ ހޮނިހިރު ދުވަހު ކަމަށް ބެލެވެ އެވެ. 11 އަހަރާއި 16 އަހަރާއި ދެމެދުގެ އެ ބާރަ ކުޅުންތެރިންނާއި 25 އަހަރުގެ ކޯޗު އެ މިހާރު ފެންބޮޑުވެފައިވާ ހޮހޮޅަ ތެރޭގައި އަދިވެސް ސަލާމަތުން ތިބިކަމަށް އޮފިޝަލުން ގަބޫލުކުރެ އެވެ. އެކުދިންގެ ބައިސްކަލުތަކާއި ތަބަސްތައް ހޮހޮޅައަށް ވަންނަ ސަރަހައްދުން ފެނިފައިވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

އެ ކުދިން ދިރިތިބި ތަކުގެ ނިޝާންތައް ހޮހޮޅަ ތެރެއިން ފެނިފައިވާ ކަމަށް، އެ ސަރަހައްދުގެ ޑެޕިޔުޓީ ގަވަރުނަރާއި ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ޓޫރިސްޓުން މެދުގައި މަގުބޫލު އެ ހޮހޮޅައިގެ އެކި ހިސާބަށް ކާބޯތަކެއްޗާއި، ފެން އަދި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތައް ލިޔެވައިފައިވާ ގަނޑުތަކެއް ވަނީ ފޯރުކޮށްދީފަ އެވެ.

ނަމަވެސް، ތައިލަންޑު ކަނޑުމަތީ ސިފައިންގެ ޑައިވަރުންނަށް އެ ކުދިންނާއި ހަމައަށް ދިޔުމަށްވަނީ ހުރަސްތަކާއި ކުރިމަތިވެފަ އެވެ. ހޮހޮޅައިގެ ދިގުމުނުގައި 8 ވަރަކަށް ކިލޯމީޓަރު ހުންނައިރު، އެކި ބައިތަކަށް ބެހިފައިވާ ޗޭމްބަރުތަކުގައި ވަނީ އެތަކެއް ފޫޓަކަށް ފެންބޮޑުވެފަވެ އެވެ.

ޑައިވަރުންދަނީ ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހޮހޮޅައިގެ ވަކި ހިސާބުތަކުގައި އަދި ފެންބޮޑުނުވާ ތަންތަން ހުންނާނެކަމަށް އޮފިޝަލުން ގަބޫލުކުރެ އެވެ.

ތާށިވެފައިވާ ކުދިންގެ އާއިލާތައް އަދިވެސް ތިބީ އެ ކުދިން ފެންނާނެ ކަމުގެ އުއްމީދުގައި، ހޮހޮޅައިގެ ދޮރުމަތީގަ އެވެ.