ހަބަރު

ރައީސް ނަޝީދުގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެ: މޫސަ

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު ނޯންނާނެ ކަމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުށަހަޅުއްވާފައިވާ ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން މޫސާ މަނިކު ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ނަންފުޅު ވޯޓުކަރުދާހުގައި އޮންނާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް އެކަން އެގޮތަށް ނުހިނގާނެ ކަމަށެވެ. އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ޗެލެންޖުކޮށްފައި މިބުނަނީ ކުރިޔަށް އޮތް އިންތިޚާބުގައި ކުރީގެ ރައީސް ނަޝީދުގެ ނަމެއް ނޯންނާނެ. އިލެކްޝަންސް ކޮމިޝަނަށް ވެސް އެފުރުސަތެއް އަޅުގަނޑުމެން ނުދޭނަން،" މޫސަ ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަންކަން ކުރެއްވި މޫސަ ކުރީގެ ރައީސް ނަޝީދަށް ފާޑުވިދާޅުވަމުން މޫސަ ވިދާޅުވީ ޖަޒީރާ ރައީސެއް ބޭނުން ނުވާކަމަށެވެ.

އެމްޑީޕީން ގެންދަނީ " ޖަޒީރާ ރައީސް" ގެ ނަމުގައި އެޕާޓީގެ ކެމްޕެއިން ހަރަކާތްތައް ކުރިޔަށްގެންދަމުންނެވެ. ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކީ ނަޝީދު ކަމަށް ހަމަޖައްސާ ކުރީގެ ރައީސް ނަޝީދު ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ. ނަމަވެސް 13 އަހަރުގެ ޖަލުގެ ހުކުމެއް ގައި ނަޝީދު ހުންނެވުމާއެކު ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ޤާނޫނީ ހަމައެއް އަދި ނެތެވެ. އެފުރުސަތު ލިބެން އޮތީ ހަމައެކަނި ސްޕްރީމް ކޯޓުގެ ތެރެއިންނެވެ.