ހަބަރު

ރާއްޖެއަށް ކާޑު ކޯޓާ ކުޑަކުރި ނިންމުން "އޮޅުވާލާތީ" އިންޑިއާ ރުޅިގަދަވެއްޖެ

Jun 26, 2018
3

ރާއްޖެއަށް އިންޑިއާއިން އެތެރެ ކުރާ ކާޑުގެ ގިނަ ބާތްވަތަކުގެ ކޯޓާ ވަރަށް ބޮޑު ތަނުން ކުޑަ ކުރަން ނިންމުމާ ގުޅިގެން، އެކަން މީޑިއާ ތަކުން ރިޕޯޓް ކުރަނީ އޮޅުވާލައިގެން ކަމަށް ބުނެ އިންޑިއާ އިން ނުރުހުން ފާޅުކޮށްފި އެވެ.

ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ކާޑުގެ ބާވަތްތަކުގެ އިތުރުން، ފިޔާ، ބިސް އަދި އަލުވި ފަދަ އަސާސީ ބާވަތްތަކުން ކުރިއަށް އޮތް ދެ އަހަރަށް އިންޑިއާ އިން ރާއްޖެއަށް އެތެރެ ކުރެވޭނެ އަދަދު ވަނީ ގާތްގަނޑަކަށް 100 ޕަސަންޓް ކުޑަކޮށްފަ އެވެ.

"މިއީ އެއްވެސް ގޮތަކަށް ގުޅުން ގޯސްވެގެން ބަދަލުހިފުމުގެ ގޮތުން ނިންމި ނިންމުމެއް ނޫން،" އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ޑިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސްގެ އޮފިޝަލަކާއި ހަވާލާދީ "ދަ ހިންދޫ" ނޫހުން ބުނެފައިވެ އެވެ.

"މިއީ ޒަމާނުއްސުރެ އިންޑިއާ އާއި ރާއްޖެ އާދެމެދު އޮންނަ ގުޅުމުގެ ދަށުން ހިނގާ ކަމެއް. މީގެ ކުރީ އަހަރުތަކުގައި ރާއްޖެ އިން [ކާޑު] ބޭނުންވާ އަދަދު އަންގާ. އެކަމަކު މިފަހަރު ނާންގާތީ، ފާއިތުވި ތިން އަހަރު ބޭރު ކުރެވުނު އަދަދަށް ބަލާފައި ކޯޓާ ކަނޑައެޅީ،" އޮފިޝަލު ވިދާޅުވެފައިވެ އެވެ.

މިފަހަރު ކޯޓާ ކަނޑައެލި ގޮތުން އެންމެ ބޮޑަށް ކުޑަކޮށްފައިވަނީ ފުށުގެ ކޯޓާ އެވެ. މިދިޔަ އަހާރާއި މި އަހަރަށް 59,442.17 ޓަނުގެ ކޯޓާއެއް ކަނޑައަޅާފައިވާއިރު، ކުރިއަށް ދެ އަހަރަށް ދީފައިވަނީ އެންމެ 946.21 ޓަނެވެ. މިއީ 98.4 ޕަސަންޓުގެ ދަށްވުމެކެވެ. މީގެ އިތުރުން ހަކުރަށް 11,706.30 ޓަނުގެ ކޯޓާ އެއް ދީފައި އޮތުމަށްފަހު، އެ އަދަދު މިހާރު ވަނީ 97.1 ޕަސަންޓުން 338.47 ޓަނަށް ދަށްކޮފަ އެވެ.

ފާއިތުވި ދެ އަހަރު 232,805,000 ބިސް އެތެރެކުރުމަށް ދީފައިވާ ކޯޓާ، މިހާރު ވަނީ 111,809,090 އަށް ދަށްވެފަ އެވެ. އެންމެ ކުޑަކޮށް ދަށްކޮށްފައިވަނީ ފިޔާ އެތެރެކުރަން ދީފައިވާ ކޯޓާ އެވެ.