ކުޅިވަރު

އަސާގަނޑުގެ އެހީގައި އުޅުނަސް ހިތްވަރަށް ބަދަލެއް ނެތް!

ވާހަކަ ދައްކަމުން ދިޔައިރު އޭނާ ހުރީ ބޯ އެއްފަރާތަށް އަރިކޮށްލައިގެންނެވެ. ބަލި މީހެއްގެ އިހްސާސް އޭނާގެ މޫނު މަތިން ފާޅުވެ ހުއްޓެވެ. .. މިއީ ޕްރެސްކޮންފަރެންސްގައި ވާހަކަ ދަައްކަމުން ދިޔަ އުރުގުއޭގެ ކޯޗް އޮސްކާ ޓަބަރޭޒްގެ ސިފަ ކޮށްދޭން ވެގެން ދަ ގާޑިއަންގެ ޖޮނަތަން ވިލްސަން ބޭނުން ކުރި އިބާރާތްތަކެވެ.

މެޗަށް ތައްޔާރު ވެގެން ޓީމު ދަނޑަށް ނިކުންނައިރު، އުރުގުއޭގެ ކޯޗް އޮސްކާ ޓަބަރޭޒް ބެންޗަށް އަންނަނީ މީހެއްގެ ގައިގައި ހިފަހައްޓައިގެން އަސައެއްގެ ބާރު ގައެވެ. އެއީ އޭނާއަށް މިހާރު ކުރިމަތިވެފައިވާ ސިއްހީ މައްސަލައާ ގުޅިގެން އަމިއްލަ ފައިމައްޗަށް ތެދުވެ ހިނގައިބިނގައި އުޅުމަށް ދަތި ވުމުންނެވެ.

މިހާރު އުމުރުން 71 އަހަރުގެ، ޓަބަރޭޒް ވަނީ 2016 ވަނަ އަހަރުގައި ނާރުގެ މައްސަލައެއް ދިމާވެ އޮޕަރޭޝަނެއް ކޮށްފަ އެވެ. އޭގެފަހުން ވީލްޗެއާ އުޅުނެވެ. މިހާރު އޭނާ ހިނގަނީ އަސައެއްގެ އެހީގަ އެވެ. ނަމަވެސް އޭނާގެ މަސައްކަތަކަށް ބަދަލެއް ނެތެވެ.

އުރުގުއޭގެ ކޯޗް ކަމާ އޭނާ ހަވާލުވީ ޖަރުމަންގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕަށް އުރުގުއޭ ކޮލިފައި ނުވުމުން އުރުގުއޭގެ ފުޓްބޯޅަ މަސްރަހުގައި ބޮޑެތި ކަންބޮޑުވުންތަކެއް އޮތް ވަގުތެއް ގައެވެ. އޭނާ އަށް ޖެހުނީ އުރުގުއޭ ފުޓްބޯޅަ އަނދަވަޅަކުން ނަގާށެވެ. އޭގެ ކުރިންވެސް އުރުގުއޭ ޓީމަށް އޭނާ ކޯޗް ކޮށްދިނެވެ. އެއީ އެއީ 1988 ވަނަ އަހަރުން 1990 ވަނަ އަހަރަށެވެ.

ކުރިން ޕްރައިމެރީ ސްކޫލުގައި މަސައްކަތް ކުރި، ޓަބަރޭޒް އަށް އުރުގުއޭގެ ކޯޗް ކަން ހަވާލު ކުރީ ކޮންމެހެން ވޯލްޑްކަޕު ހޯދާކަށް ނޫނެވެ. ނުވަތަ ސަރަހައްދީ ލެވަލުގައި ތަށިތަކެއް ހޯދާކަށް ނޫނެވެ. އޭނާއާ ހަވާލު ކުރީ އުރުގުއޭގެ ފުޓްބޯޅަ ޓްރާންސްފޯމު ކުރުމަށެވެ.

ސްކޫލެއްގައި މަސައްކަތް ކޮށްފައި ވުމުން، ކުޅުންތެރިންނާއި ސަޕޯޓަރުން އޭނާއަށް މުހާތަބު ކުރަނީ "ޓީޗަރު" ގެ ނަމުންނެވެ. އުރުގުއޭގެ ކޯޗް ކަމާ ހަވާލުވެ ކުޅުންތެރިން ގޮވައިގެން ދަނޑަށް ނިކުތް ފުރަތަމަ ދުވަހުވެސް ޓަބަރޭޒްގެ އަސަރު ޓީމުން ފެނުނެވެ. ކުޅުންތެރިންގެ މިޒާޖު އޭނާ ބަދަލުކޮށްލީ އެންމެ ދުވަހަކުންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އޭނާ ފެނުމުން ކުޅުންތެރިން ސީރިއަސްވެ އެވެ. އޭނާ އަށް އަދާ ކުރަން ޖެހޭ އިހްތިރާމު އަދާ ކުރެ އެވެ. ޓީމުގެ ޕްރެކްޓިހުގައިވެސް ރަނގަޅަށް ޕާފޯމު ކުރަން ކުޅުންތެރިންނަށް އޭނާ މަޖުބޫރި ކުރި އެވެ. ކުޅުންތެރިންނަށް ވަކިވަކި ކަންކަން ކުރުމަށް އޭނާ އެނގި އެވެ.

"އުރުގުއޭ ފުޓްބޯޅަ ޑިސްޕްލިން ކުރުވި މީހަކީ ޓަބަރޭޒް." އުރުގުއޭގެ ކުޅިވަރު ނޫށްވެރިޔަކު ލިޔެފައި ވެއެވެ.

އުރުގުއޭގެ ފުޓްބޯޅަ ބަދަލު ކުރަން އޭނާ މަސައްކަތް ފެށީ، ސްކޫލްގައި އޭނާ މަސައްކަތް ކުރިއިރު ބޭނުން ކުރި ފިލޯސަފީގެ މައްޗަ ށެވެ. ކޮންމެ ދުވަހަކު ހެނދުނު ހެނދުނާ ސްކޫލަށް ގޮސް ކިޔެވުމުގައި އޮތް ސިއްރު އުރުގުއޭގެ ފުޓްބޯޅައަށް އޭނާ ބުނެދިނެވެ. ޕްރައިމެރީ މަރުހަލާ ވަރުގަދަ ކޮށްގެން ނުނީ، އޭގެ މަތީ މަރުހަލާތަކޮށް ގޮސް އެންމެ ފައިނަލު އިމްތިހާނުން ރަނގަޅު ކާމިޔާބެއް ނުހޯދޭނެކަން އޭނާ މަސައްކަތް ކުރި ޕްރައިމެރީ ސްކޫލުގެ ތަޖުރިބާއިން އޭނާ ބުނެދިނެވެ.

އުރުގުއޭގެ ފުޓްބޯޅަ އޭނާ ބަދަލު ކުރީ އެގޮތަށެވެ. ފުޓްބޯޅަ އެކެޑެމީތައް އެގޮތުގެ މައްޗަށް ބަދަލު ކުރީ އޭނާ އިސްވެ ހުރެގެންނެވެ. އެކެޑެމީތަކުގެ މަސައައްކަތް އެންމެ ހެނދުނު ހެނދުނާ ފަށުމަށް އޭނާ ބާރު އެޅި އެވެ. ކުރިން ސުރެ ހިންގަމުން ދިޔަ އެކެޑެމީތައް ރިވިއުކޮށް ބަދަލު ގެންނަން އޭނާ ބޭނުންވި އެވެ. ގައުމީ ޓީމު އޭނާ ގެންދަނީ ސްކޫލެއް ހިންގާ ގޮތަށެވެ.

ޖަރުމަންގައި އޮތް ވޯލްޑަކަޕަށް ކޮލިފައި ނުވުމުން ކުރިމަތިވި މާޔޫސް ކަމުން އުރުގުއޭ ތެދުވެ ކުރިއަށް ހިނގަން ފެށި އެވެ. މޭސްތިރިއަކީ އޮސްކާ ޓަބަރޭޒް އެވެ. ހަތަރު އަހަރު ފަހުން ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑްކަޕަށް އުރުގުއޭ ކޮލިފައިވެ، އެފަހަރުގެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި އެވެ. އޭގެ އެއް އަހަރު ފަހުން ބޭއްވި ކޮޕާ އެމެރިކާގެ ފުޓްބޯޅަ މުބާރާތް އުރުގުއޭއަށް ކާމިޔާބު ކޮށްދިނެވެ.

އުރުގުއޭގެ ކޯޗް ކަމުގައި، ޓަބަރޭޒް ގުނަމުން ދަނީ 12 ވަނަ އަހަރެވެ. ޓީމު ޓްރާންސްފޯމް ކުރުމުގެ މަސައްކަތް އޭނާ ކުރަމުން ދަނީ ކެތްތެރި ކަމާއެކު އެވެ. ފުރަތަމަ މެޗުގައި މިސްރާ ދެކޮޅަށް، އުރުގުއޭގެ ޓީމުގެ ސެންޓަރަލް މިޑްފީލްޑުން ފުރުސަތު ދިން ރޮޑްރިގޯ ބެންޓަންކާރު އާއި މަޓިއަސް ވަސީނޯއަށް އެ ފުރުސަތު ލިބޭނެ ކަމަކަށް މީގެ ތިން ވަރަކަށް އަހަރު ކުރިން އު ކުޅުންތެރިންނަށްވެސް އުންމީދެއް ނުކުރާނެ އެވެ. ނަމަވެސް އެ ކުޅުންތެރިންގެ ފަރާތުން ފެންނަމުން ދަނީ ޒަމާނީ މިޑްފީލްޑަރުންގެ ކިބައިގައި ހުންނަން ޖެހޭ ކޮލިޓީ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޓަބަރޭޒް ފައްކާކޮށްފައިވާ ސިސްޓަމު ރަނގަޅުވުމެވެ. އެ ސިސްޓަމުގެ ތެރެއިން އެ ކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފަސޭހަ ވެގެން ދިއުމެވެ.

ވޯލްޑްކަޕުގައިވެސް، އޭނާ ހަވާލުވެ ހުރި މަސައްކަތުގެ މަތިން ހަނދާން ނައްތައެއް ނުލައެވެ. އުރުގުއޭ ޓީމަށް އެންމެ ރަނގަޅަށް ޓްރާންސިޝަނަލް ޕީރިއަޑް ގެންނަން އޭނާ ބޭނުން ވެއެވެ. އެ މަސައްކަތުގެ ތެރެއިން ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން އޭނާ ފަހެއް ނުޖެހެ އެވެ. ޒުވާން ކުޅުންތެރިން ދަނޑަށް ނެރުމުގެ ކުރިން އޭނާ އިރުޝާދު ދޭ ގޮތްވެސް އެންމެންނަށް ކަމުދެ އެވެ. މެޗުގެ ތެރެއިން ޓީމުގެ ކުޅުން ގޯސްވާ ވަގުތު އަސާގަނޑުގެ މައްޗަށް ހަށިގަނޑު ތެދުކޮށް އޭނާ ދައްކާ ހިތްވަރުން ކުޅުންތެރިންނަށްވެސް އިތުރަށް ހިތްވަރު ލިބިގެންދެއެވެ.

ރަޝިއާ އާ ދެކޮޅަށް ރޭ ކުޅުނު މެޗަކީ، އުރުގުއޭ އެންމެ ރަނގަޅަށް ކުޅުނު އެއް މެޗެވެ. އޭގެ ކުރިން ކުޅުނު ދެ މެޗުން މޮޅުވިޔަސް، ޓީމުގެ ކުޅުން ރަނގަޅު ނޫންކަމަށް، ސަޕޯޓަރުން ކުރިމަތި ކުރާ ފާޑު ކިޔުންތައް އޭނާ ބަލައިގަތީ އެކަން ގަބޫލު ކުރަމުންނެވެ. އޭނާ ޖަވާބު ދިނީ ރަޝިއާ މެޗުން ޓީމު ދައްކާލި ކުޅުމުންނެވެ.