ހަބަރު

ސުއޫދުގެ ވިސްނުން ހުރީ އެމްއެންޑީއެފް އުވާލަން

ގަބޫލުކުރާ ވެރިކަމެއް އަތުވެއްޖެނަމަ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް އުވާލާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިހެން ވިދާޅުވީ، "އަހަރެމެން އެދޭ ވެރިކަމެއްގައި" ނަމުގައި ސިލްސިލާކޮށް ކުރައްވާ ޓްވީޓްތަކުން ރޭ ކުރެއްވި ޓްވީޓްގަ އެވެ. ސުއޫދު ވިދާޅުވީ، އެމްއެންޑީއެފް އުވާލައި އޭގެ ބަދަލުގައި ތިބޭނީ ކޯސްޑްގާޑާއި މެރިން ޕޮލިސް ކަމަށެވެ.

"ރައްޔިތުންގެ ފައިސާއިން ދުވާލަކަށް ހަތް މިލިއަން ރުފިޔާ ހަމައެކަނި އެމްއެންޑީއެފްއަށް މިހާރު ހަރަދުކުރޭ، ސަލާމަތް ކުރެވޭ ފައިސާ ހަރަދުކުރާނީ އަތޮޅުތަކުގެ ހޮސްޕިޓަލްތައް ތަރައްގީކުރަން،" މަޝްހޫރު ގާނޫނީ ވަކީލް ވިދާޅުވި އެވެ.

ސުއޫދު މިހެން ވިދާޅުވުމުން ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ. އެމްއެންޑީއެފްއަކީ އެތައް އާއިލާއަކަށް އާމްދަނީ ވަންނަ، އެތައް ޒުވާނުންތަކެއްގެ ވަޒީފާއާ ގުޅިފައިވާ މުއައްސަސާއެއްކަން ގިނަ މީހުން ދަނީ ފާހަގަކުރަމުންނެވެ.

މީގެކުރިން ވެސް ސުއޫދު ވަނީ މިހާރު އަމަލުކުރަމުންދާ ގިނަ ކަންތައްތަކެއް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ސިއްރުން ހެކި ބަސް ނެގުން މަނާ ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި މިހާރު އަމަލުކުރަމުންދާ ޓެރަރިޒަމްގެ ގާނޫނަށް އަމަލުކުރުން ހުއްޓުވައި އޭގެ ދަށުން ނުހައްގުން ދައުވާކޮށްފައިވާ އެންމެންނަށް މާފު ދެއްވާނެ ކަމަށް ވެސް ސުއޫދު ވިދާޅުވެފައިވެ އެވެ.

ސުއޫދު އެ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވީ "އަހަރެމެން އެދޭ ވެރިކަމެއްގައި" އަތުވެއްޖެނަމަ އެވެ. ނަމަވެސް އެ ވެރިކަމަކީ ކޮބައި ކަމެއް ސުއޫދު ވިދާޅެއް ނުވެ އެވެ. ސުއޫދު މިހާރު ހަރަކާތްތެވަމުން ދަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގަ އެވެ.