ހަބަރު

އިންތިހާބުތަކާބެހޭ ގާނޫނުތަކަށް ހުށަހެޅި އިސްލާހުތައް ކޮމެޓީއަށް

ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހުށަހަޅާފައިވާ ދެ އިސްލާހާއި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލް މަޖިލީހަށް ބަލައިގަނެ އެބިލްތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާ ބެހޭ ކޮމެޓީއަށް ފޮނުވައިިފިއެވެ.

މި ތިން ބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވަނީ 37 މެމްބަރުންގެ ވޯޓުންނެވެ. މި ބިލްތައް ބަލައި ނުގަތުމަށާއި ވަކިކޮޅަކަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. މިއަދުގެ ޖަލްސާއަށް މި ތިން ބިލް ހުށަހަޅާ ތިން ބިލަށް ބަހުސްކޮށްފައިވަނީ ހެނދު ދަންފަޅީގަ އެވެ.

އިންތިޚާބުތަކާ ބެހޭ ޤާނޫނުތަކަށް ހުށަހަޅާފައި މިވާ އިސްލާހުތަކުގެ ތެރެއިން ވިލި މާލެ ދާއިރާގެ މެމްބަރ އަހުމަދު ނިހާން ރިޔާސީ އިންތިޚާބުގެ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ ބޭރު ރަށްވެހިކަން ދޫކޮށްލިތާ 10 އަހަރު ފަހުން ކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ އިސްލާހެކެވެ.

ހަމަ މިޤާނޫނަށް ސަރުކާރުގެ ފަރާތުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު ލަތީފު ހުށަހަޅުއްވާފައިވާ އިސްލާހަކީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު ދައްކަން ޖެހޭ އިދާރީ ފީއަކީ އެއްލައްކަ ރުފިޔާކަމަށް ކަނޑައަޅާފައިވާ އިސްލާހެކެވެ.

މިހާރު ޤާނޫނު ބުނާގޮތުން އިންތިޚާބަށް ކުރިމަތިލާ މީހެއް ދައްކަންޖެހޭނީ 40،000 ރުފިޔާ އެވެ.

އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް ހޮޅުދޫ ދާއިރާގެ މެމްބަރ އަލީ މުހައްމަދު ހުށަހަޅުއްވާފައިވާ އިސްލާހަކީ އިންތިޚާބުތަކާއި ގުޅޭގޮތުން މީގެ ކުރިން ސްޕްރީމްކޯޓުން ނެރެފައިވާ ގައިޑްލައިންގައިވާ ކަންކަމަށް ރިޢާޔަތްކޮށް އިންތިޚާބުތަކާ ބެހޭ ޢާންމު އޮނިގނަޑު ޚަރުދަނާ ކުުރުމަށް ގިނަ ކަންކަމެއް ހިމަނާފައިވާ އިސްލާހެ ކެވެ. މި އިސްލާހުން އެންމެ ބޮޑަށް ފާހަގަ ވެގެންގޮސްފައިވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ޓީވީ ޗެނަލްތަކުން ހަމަހަމަ ފުރުސަތުތަކެއް ދޭންވާނެ ކަމަށް ބަޔާންކޮށްފައި ވުމެވެ. ހުރިހާ ކެންޑިޑޭޓުންނަށް އެއްވަރަކަށް ވަގުތު ދޭން ޖެހޭނެކަމަށް މި އިސްލާހުގައި ބަޔާންކޮށްފައިވާއިރު އެކަމާ ޚިލާފުވާ ބްރޯޑްކާސްޓަރުންގެ މައްޗަށް ޖިނާޢީ ދަޢުވާ އުފުލޭގޮތަށް މި އިސްލާހު ވަނީ ބަދަލު ކޮށްފައެވެ.

ވޯޓަށް އެހުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލާފައިވާއިރު ދެން ޖަލްސާއެއް އޮންނާނީ މާދަމާ ހެނދުނު 9 ޖަހާއިރު އެވެ.