ދުނިޔެ

އިންސްޓަގްރާމް އެކައުންޓް ސަލާމަތުން އެބައޮތްތަ؟

ފޭކް އެކައުންޓްތައް ކަމަށް ބުނެ އިންސްޓަގްރާމުން އެތައް މިލިއަން އެކައުންޓެއް އިހަށް ދުވަހު ޑިލީޓް ކޮށްލައިފި އެވެ. އޭގެ ތެރޭގައި ގިނައީ ފޭކް ނުވަތަ ސްޕޭމް އެކައުންޓްތައް ކަމަށް ވިޔަސް ހަމަ ހެޔޮ ގޮތުގައި އިންސްޓަގްރާމް ބޭނުންކުރާ އެތައް ބައެއްގެ އެކައުންޓްތައް ވެސް ގެއްލިގެން ދިއުމުން ރުޅިގަދަވެފައި ތިބި މީހުން ބައިވަރެވެ. އާންމުކޮށް އިންސްޓްރާމް އެކައުންޓް ޗެކްކޮށް ނޫޅޭ ނަމަ އެކައުންޓް ސަލާމަތުން އޮތްތޯ ބަލައިލާށެވެ.

ފޮޓޯ ޝެއާކުރާ ސޯޝަލް ނެޓްވޯކްގެ އެތައް މިލިއަން އެކައުންޓެއް ޑިލީޓްކޮށްލުމުން އެންމެ ބޮޑަށް ލަނޑު ލިބުނު އެއް ބަޔަކީ މަޝްހޫރު ތަރިންނެވެ. އަދި ފޮލޯވާސް ގިނަވުމަކީ ފަހުރެއް ކަމަށް ދެކިގެން އެތައް ހާސް ފޮލޯވަރުން ހޯދައިގެން ތިބި މީހުންނެވެ. ޑިލީޓްކޮށްލި އެކައުންޓްތަކުން ފޮލޯކޮށްފައި ހުރި އެކައުންޓްތަކުގެ ފޮލޯވާސްގެ އަދަދު ދަށަށް ދާނެ އެވެ.

އިންސްޓަގްރާމްގެ ބަލަދުވެރި ފަރާތް ކަމަށްވާ ފޭސްބުކް ގައި ވެސް ހުންނަ ފޭކް އެކައުންޓްތައް ދޭތެރެދޭތެރެއިން ޑިލީޓްކުރެ އެވެ. މިގޮތަށް ހަދަނީ ލައިކްސް އާއި ފޮލޯވާސް ގިނަކުރުން ވިޔަފާރި އުސޫލަށް ބަދަލުވެ ފޭކް އެކައުންޓްތަކުން ލައިކްސް އާއި ފޮލޯވާސް ހޯދުން ބޮޑު މައްސަލައަކަށް ވަމުން ދާތީ އެވެ. މިގޮތުން އިންސްޓަގްރާމުން މި ކުރި ކަންތަކުގެ "އަނިޔާ" އެންމެ ބޮޑަށް ލިބުނީ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އޭކަންއަށެވެ. ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ފޮލޯވާސްގެ 56 ޕަސެންޓް ވަނީ ގެއްލިފަ އެވެ.

އެކައުންޓްތައް ޑިލީޓްކޮށްލުމުގެ ކުރިން އިންސްޓަގްރާމުން ވަނީ ފޭކް އެކައުންޓްތަކާ މެދު އެ ފިޔަވަޅު އަޅާނެކަން ކުރިން އިއުލާނުކޮށްފަ އެވެ.