ހަބަރު

ގާސިމް، ރައީސް ޔާމީންއާ ގުޅެން ދައުވަތުދީފި

ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ފާޑުކިޔުމަށްފަހު ގުޅިގެން އެކުގައި މަސައްކަތް ކުރުމުގެ ދައުވަތު ޕީޕީއެމްއިން އޭނާއަށް އަރުވައިފި އެވެ.

މި ދައުވަތު ގާސިމަށް އަރުވާފައިވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލެވެ. އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީ ވަނީ ގާސިމަށް އަނެއްކާ ވެސް ބޭވަފާތެރިވެފަ ކަމަށެވެ.

"ގާސިމް ކިތަންމެ މަސައްކަތްޕުޅެއް ކުރެއްވިޔަސް އެމްޑީޕީއަކީ އެހެން ޕާޓީއަކަށް ދޫދޭނެ ބައެއް ނޫން، އަނެއްކާ ވެސް އެ އޮތީ ބޭވަފާތެރިވެފަ، [ވީމާ] ގައުމަށް ވަފާތެރި ރައީސް ޔާމީނާ އެއްވެސް ޝަރުތެއް ނެތި ގުޅިވަޑައިގަންނަވާ،" ހަލީލު ވިދާޅުވި އެވެ.

ހަލީލު މި ދައުވަތު ދެއްވާފައި މިވަނީ އިދިކޮޅު އއިްތިހާދުގައި އޮތް އެންމެ ބޮޑު ދެ ޕާޓީ، އެމްޑީޕީ އަދި ގާސިމްގެ ޖުމްހޫރީ ޕާޓީއާ ދެމެދު ކެންޑިޑޭޓަކާ ގުޅޭ ގޮތުން ހިޔާލު ތަފާތުވެފައި ވަނިކޮށެވެ. ދެ ޕާޓީން ވެސް އެ ޕާޓީގެ ކެންޑިޑޭޓެއް ނެރެން ބޭނުންވާއިރު އެއް ކެންޑިޑޭޓަކަށް ވަނީ އެއް ގަލަށް ނޭރި އެވެ.

އެމްޑީޕީއިން ވެސް ވަކިން ކެމްޕެއިން ކުރަމުންދާއިރު ޖުމްހޫރީ ޕާޓީން ވެސް ވަނީ ކެމްޕެއިން ފަށާފަ އެވެ. އަދި އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެއް ކެންޑިޑޭޓެއް ނުދެއްކިއްޖެނަމަ ޖުމްހޫރީ ޕާޓީން ވަކިން ވާދަ ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. ބެލެވޭ ގޮތުގައި ވަކިން ވާދަކުރުމަށް އެމްޑީޕީއިން ވެސް ކޮންގްރެސްގައި ނިންމާނެ އެވެ.