ހަބަރު

ރަޝިޔާގެ ނޮން-ރެސިޑެންޓް ސަފީރުކަމަށް މުންދު އައްޔަން ކުރަން ފާސްކޮށްފި

ރަޝިއާއަށް ރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރު ކަމަށް އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މުހައްމަދު ހުސައިން ޝަރީފު އެ މަގާމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.

މުންދުއަށް ރުހުންދޭން ފެންނަ ކަމަށް 36 ވޯޓު ދެއްވާފައިވާއިރު ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

މިއަދު މެންދުރު ފަހު އޮތް ދެވަނަ ދައުރުގެ ތިން ވަނަ ޖަލްސާއަށް ވަނީ މި މައްސަލައާ ގުޅޭގޮތުން ގައުމީ ސަލާމަތުގެ ކޮމެޓީގެ ރިޕޯޓް ހުށަހަޅާފަ އެވެ. މި ރިޕޯޓްގައި ވަނީ އެ މަގާމަށް މުންދު އައްޔަން ކުުރުމަށް އެކަށީގެންވާ ބޭފުޅެއްކަމަށް ކޮމެޓީގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. މި ރިޕޯޓަށް ބަހުސް ކުރެއްވީ ހަމައެކަނި މެމްބަރު ކަމަށްވާ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މުންދު މިހާރުވެސް ސަފީރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެއްކަމުން އެބޭފުޅާގެ ޤާބިލްކަމާމެދު ސުވާލު ނުއުފެދޭ ކަމަށެވެ.

މުންދުއަކީ ސްރީލަންކާ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

މިއަދު ކުރިޔަށްދިޔަ ޖަލްސާގައިވަނީ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށް ޖޭއެސްސީއިން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވާފައި ވާތީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަނު ކުރުމަށްޓަކައި ޑރ، އަހުމަދު އަބްދުﷲ ދީދީގެ ނަންފުޅު މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފަ އެވެ.

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ޢަބްދުﷲ ދީދީއާއި އަބްދުލްޣަނީ މުޙައްމަދު އައްޔަނު ކުރުމަށް ޖޭއެސްސީން ލަފާދެއްފައިވާތީ އެދެ ބޭފުޅުންގެ ނަންފުޅު ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހުން ގޮތެއް ނިންމަވާދެއްވުމަށް އެދި ފޮނުއްވާފަ އެވެ. މީގެއިތުުރުން މިއަދުގެ ޖަލްސާގައިވަނީ ހަ ބިލެއްގެ ފުރަތަމަ ކިޔުން އިއްވާފައެވެ.


ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ޖަހާއިރުއެވެ.