ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ އިދާރީ ފީ ބޮޑުކުުރަން ހުށަހަޅައިފިއެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ އިދާރީ ފީ ބޮޑުކުރަން މަޖިލީހަށް ހުށަހަޅާފައިވާއިރު މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި ރައްޔިތުންގެ މަޖިލީހުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ފީ އަކީ 15،000 ރުފިޔާއެވެ. ސަރުކާރުގެ ފަރާތުން މިބިލް ހުށަހަޅުއްވާފައިވަނީ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރ ހުސައިން މުހައްމަދު ލަތީފެވެ. މިހާރު ގާނޫނު ބުނާގޮތުން އިންތިހާބަށް ކުރިމަތިލާ މީހެއްގެ އިދާރީ ފީއަކީ 5،000 ރުފިޔާއެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުން އިދާރީ ފީ އެއްގެ ގޮތުގައި 100،000 ރުފިޔާ ހުށަހަޅަން ބަޔާންކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބިލް އޮތީ ކޮމެޓީ މަރުހަލާގައެވެ. މިހާރުގެ ގާނޫނު ބުނާގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެއް އިދާރީ ފީ އެއްގެ ގޮތުގައި ހުށަހަޅަންޖެހޭނީ 40،000 ރުފިޔާއެވެ. ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މިބިލްވެސް ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.