ހަބަރު

ފަނޑިޔާރުންނަށް ވޯޓު ދޭން ގާސިމް އިދިކޮޅުގައި އެދިވަޑައިގަތް

މިރޭ ރައްޔިތުންގެ މަޖިލީހުން އުއްތަމަ ފަނޑިޔާރު ކަމަށާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އައްޔަން ކުރުމަށް ނެގި ވޯޓުގައި ބައިވެރިވެ އެ ފަނޑިޔާރުންނަށް ވޯޓު ދިނުމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހިމް އެދިވަޑައިގަތުމުން އެކަމަށް އިދިކޮޅު ޕީޖީ ގުރޫޕްގެ މެންބަރު ދެކޮޅު ހައްދަވައިފި އެވެ.

ވޯޓު ނަގަން ކައިރިވެފައި އޮތްވާ ޖަރުމަންވިލާތުގައި އުޅުއްވާ ގާސިމް އިބްރާހިމް އިދިކޮޅު ޕީޖީ ގުރޫޕްގެ މެންބަރުން ހިމެނިވަޑައިގަންނަވާ ވަޓްސްއެޕް ގުރޫޕަށް މެސެޖެއް ފޮނުއްވިކަން އިދިކޮޅު މެންބަރަކު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އެ މެސެޖްގައިވާ ގޮތުގައި މިރޭގެ ވޯޓުގައި ބައިވެރިވުމަކީ ގާސިމަށް ވަރަށް ބޮޑަށް ފެނިވަޑައިގަންނަވާ ކަމެވެ. އެއީ އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މެންބަރުންގެ ހައްގުގައި ވެސް ކުރަންޖެހޭ ކަމަށެވެ.

އެކަމާ ގުޅިގެން މިރޭ އިދިކޮޅު ޕީޖީ ގުރޫޕް މެންބަރުން ބައިވެރިވަޑައިގަތް ބައްދަލުވުމުގައި ނިންމީ އެ ވޯޓުގައި ބައިވެރިނުވާށެވެ. އެއީ އެގޮތަށް އަމަލުކޮށްފިނަމަ އިދިކޮޅުން ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުވާނެތީ އެވެ.

އެގޮތުން އިދިކޮޅު މެންބަރުން ގަބޫލު ކުރައްވާ ގޮތުގައި އަބްދުﷲ މަސީހު ރިޔާސަތުގައި އިންނަވައިގެން ބާއްވާ ޖަލްސާތަކަކީ ސައްހަ ޖަލްސާތަކެއް ނޫނެވެ. މިރޭ މަޖިލީހަށް ގޮސް ވޯޓުގައި ބައިވެރިވެއްޖެނަމަ އެ ރިޔާސަތު ގަބޫލު ކުރެއްވެނީ ކަމަށް ދެކި ވޯޓުގައި ބައިވެރިނުވާން މިރޭގެ ޕީޖީ ބައްދަލުވުމުގައި މެންބަރުން ނިންމެވީކަން ވަނީ އެނގިފަ އެވެ.

މިރޭގެ ޕީޖީ ބައްދަލުވުމުގައި ބައިވެރިވީ އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީގެ މެންބަރުންނެެވެ. އެއްވެސް ޕާޓީއަށް ނިސްބަތް ނުވާ، އަދި އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެންބަރުން މިރޭގެ ބައްދަލުވުމުގައި ބައިވެރިވެފައެއް ނުވެ އެވެ.

މިރޭ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އަދި އެމްޑީއޭގެ މެންބަރުން އެކަންޏެވެ. ފަނޑިޔާރުން މަގާމުތަކަށް އައްޔަންކުރަން ފާސްކުރީ 36 މެންބަރުންގެ ވޯޓުންނެވެ.