ކުޅިވަރު

މި ސުވާލަށް ނިޒާމަށް އެދެވޭ ޖަވާބެއް ނުދެވުނު!

ސީޒަންގެ ބާކީ އޮއްބަޔަށް ބިދޭސީ ކީޕަރެއް ނުގެންނާނެ ކަމަށް ޓީސީން ބުނުމުން ގިނަ ބަޔަކު އެ ކަމަށް ތައުރީފް ކުރި އެވެ. ޓީސީގެ އެއް ވަނަ ކީޕަރުގެ މަގާމު، އިބްރާހިމް ނަދީމް އާދަމް (ރިކޫ) އަށް ޔަގީން ވުމުންނެވެ.

މި ސީޒަނަށް އެ ޓީމަށް ގެނައި ބެލަރޫސްގެ ކީޕަރު، ޑިމްޓްރީ އަސްނިން ފޮނުވާލަން ޓީސީން ނިންމީ، މި އަހަރު ކުރީކޮޅު ލިބުނު އަނިޔާއާ ގުޅިގެންނެވެ. ބަދަލުގައި ބިދޭސީ އެހެން ކީޕަރެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ކުރިން ބުނެފައި ވެއެވެ. އޭނާ ވަނީ ޓީސިގެ ދެ ކީޕަރުން ކަމަށްވާ ރިކޫ އާއި އިބްރާހިމް އިފްރާހް އަރީފްއަށް އިތުބާރު އޮތް ކަމަށް ބުނެފަ އެވެ.

ބެލަރޫސްގެ ޕްރިމިއާ ލީގްގައި ކުޅުނު އަސްނިން ޓީސީގައި ކުޅުނީ އެންމެ މެޗެކެވެ. އެއީ އޭއެފްސީ ކަޕު ކޮލިފައިންގެ ޕްލޭއޮފް މެޗުގައި، ބަންގުލަދޭޝްގެ ސައިފް ސްޕޯޓްސް ކުލަބާ ދެކޮޅަށް ޑާކާގައި ކުޅުނު މެޗުގަ އެވެ. ނަމަވެސް މެޗުގެ ވަކި ހިސާބަކުން އޭނާ އަށް އަނިޔާވެ ބަދަލު ކުރަން ޖެހުނެވެ. ބަދަލުގައި ކުޅެން އެރުވީ ޓީމުގެ ދެ ވަނަ ކީޕަރު ރިކޫ އެވެ. އޭގެ ކުރިން އެ ވަރުގެ ޕްރެޝަރު މެޗެއްގައި ކުޅެފައި ނުވާ ޒުވާން ކީޕަރެކެވެ. ނަމަވެސް އެ މެޗުގައި ވެސް އަދި އޭގެ ފަހުން މާލޭގައި ސައިފް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ނަމަވެސް ނިންމުން ބަދަލުވީ ދާދި އަވަހަށެވެ. ސީޒަންގެ ބާކީ އޮތް ބަޔަށް ބިދޭސީ ކީޕަރެއް ނުގެންނާނެ ކަމަށް ބުނު ނިންމި ނިންމުން ބަދަލުކޮށް، މިދިޔަ އަހަރު ޓީސީގެ ގޯލް ބެލެހެއްޓި ނޭޕާލްގެ ގައުމީ ޓީމުގެ ގޯލްކީޕަރު ޓީސީގެ ސްކޮޑުގައި ހިމަނައިފި އެވެ. މި އަހަރުވެސް ދިވެހި ޕްރިމިއާ ލީގްގައި ޓީސީގެ ގޯލް ބަލަހައްޓާނީ ނޭޕާލްގެ ކީޕަރު ކިރަން ޝެމްޝޮންގް އެވެ.

ފުރަތަމަ 11 ގައި ކުޅެމުން ދިޔަ، ދިވެހި ކީޕަރަކަށް އެ މަގާމު ގެއްލުނީ އެވެ. ދިވެހި ކީޕަރަށް 100 ޕަސްންޓް އިތުބާރު އޮތް ކަމަށް ބުނުމަށް ފަހު، ބިދޭސީ ކީޕަރެއް ގެންނަން ނިޒާމް ނިންމީ ކީއްވެ ހެއްޔެވެ؟ ހަގީގަތުގައި އެ ސުވާލަށް އޭނާ އަތުގައި ވެސް މަގުބޫލު ޖަވާބެއް ނެތެވެ.

"މިފަހަރު ޓްރާންސްފާގެ ކަންކަން ދިޔަ ގޮތުން ކިރަން އަލުން ގެންނަން ނިންމީ،" އަވަސްއިން ސުވާލު ކުރުމުން ނިޒާމް ބުނީ މިހެންނެވެ.

ނަމަވެސް މިއީ އެ ސުވާލުގެ ސާފު ޖަވާބެއް ނޫނެވެ. އަދި ކުރިން އޭނާ ނިންމި ނިންމުން އަލުން ބަދަލު ކުރަން ޖެހުނު ގޮތުގެ މަގުބޫލް ސަބަބެއް އޭނާއަށް ނުދެއްކުނެވެ.

ބިދޭސީ ކީޕަރެއް ގެންނަން ނިޒާމް ބޭނުންވީ، ކުރިން އޭނާ ބުނި ކަހަލަ ރިސްކެއް ނަގަން ބޭނުން ނުވާތީ ކަމަށްވުން ވެސް އެކަށީގެން ވެއެވެ. މެއި މަހު، މާލޭ ލީގްގެ ޕްރީ މެޗް ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަމުން ނިޒާމް ބުނެފައި ވަނީ ދިވެހި ކީޕަރުން މޮޅު ކަމަށާއި އެކީޕަރުންނަށް ނުދެވެނީ ކޮމިޓްމެންޓް ކަމަށެވެ. އެހެންވެ ދިވެހި ކީޕަރުން ޓީމުގައި ހިމަނައިގެން ރިސްކެއް ނަގަން ބޭނުން ނުވާތީ ޓީމު ތަކުން ބިދޭސީ ކީޕަރުން ގެންނަނީ ކަމަށް ނިޒާމް މެއި މަހު ބުނެފައި ވެއެވެ.

"މީ ބުނަން ބޭނުންވެސް ނުވާ އެއްޗެއް، ނަމަވެސް ތެދަށް ބުނަންޏާ ބުނަން ޖެހޭނީ އެ ކޮމިޓްމެންޓޭ ނެތީ ދިވެހި ކީޕަރުންގެ، އަސްލު ދިވެހި ކީޕަރުންގެ ތެރޭގައި ވަރަށް ހުނަރުވެރި ހަމަ ވަރަށް ރަނގަޅު ކީޕަރުން އެބަތިބި، އެކަމަކު އެމީހުންގެ ކޮމިޓްމެންޓް ނެތީ،" ނިޒާމު އޭރު ބުނެފައި ވެއެވެ.

"އަޅުގަނޑު ދަންނަ ވާނީ އިމްރާން [މުހައްމަދު ގައުމީ ޓީމު] އަންގި ބާލައިގެން ހާސްވާކަށް ނުޖެހުނީހޭ އަޅުގަނޑުމެން އޭނަގެ ފަހަތުން އަރަން ތިބި ކުޅުންތެރިން، މިސާލަކަށް ރައްޖޭގެ އޭޖް ކެޓަގަރީގައި 14 އަހަރުން ދަށުން ފެށިގެން ގޮސް 19 އަހަރުން ދަށުން ފެށިގެން، 20 އަހަރުން ދަށުން ފެށިގެން ކުޅެމުން އައި ކުޅުންތެރިން އެ ކުޅުންތެރިން އެތައް ޓީމެއްގެ ކުޅެމުން އައިއްސަވެސް މިއަދުގެ ބޭރުގެ ކީޕަރުން ފެންނަނީ އެ ސަބަބާ ހެދި [100 ޕަސަންޓް ކޮމިޓްމެންޓް ނުދެވޭތީ]."

"ދިވެހި ކީޕަރުންނަށް އިތުބާރު ނޯންނީކީ ނޫން، މިއަދު އޭނަ ހުރެދާނެ ވަރަށް ރަނގަޅަށް ނަމަވެސް މާދަމާ އޭނަ މެޗަށް އައިސްދާނެ ކޮންމެ ފަދަ ގޮތަކަށް ވެސް، ވާގޮތަކީ އެހެން ޕޮޒިޝަންތަކާ ހިލާފަށް ގޯލްކީޕިން ޕޮޒިޝަންއަކީ ޓީމުން އެންމެ ވިސްނަން ޖެހޭ ޕޮޒިޝަން، އެގޮތަށް ކަންތައް ފެންނަން ފެށީމަ އެއްވެސް ކޯޗަކު ބޭނުމެއް ނުވޭ ރިސްކެއް ނަގާކަށް."