ހަބަރު

ބޭންކްތަކާ ގުޅޭ ދަރަނީގެ މައްސަލަތައް ކޯޓުތަކުން ހަ މަސް ތެރޭ ނިންމަނީ

ކޯޓުތަކުގައި ގިނަ ދުވަސްވަންދެން ނުނިމި ހުރި ބޭންކް ލޯނުތަކާ ގުޅޭ ދަރަނީގެ މައްސަލަތައް ހަ މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރ. އިފުރު އެއާޕޯޓް ހުޅުވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިތުރު ބޭންކްތަކެއް ރާއްޖެ އައުމަށާއި އިތުރު ލޯނުތައް ދޫކުރުމަށް ބޭންކްތަކުން ފަސް ޖެހެނީ، ލޯނުތަކާ ގުޅޭ ދަރަނީގެ މައްސަލަތައް ނުނިމި ދިގު ލައިގެން ދިޔުމުން ކަމަށެވެ. އެގޮތުން ބައެއް ދިވެހި ވިޔަފާރިވެރިންގެ ދަރަނީގެ ބޮޑެތި މައްސަލަތަކަށް އެތައް އަހަރެއް ވެފައި ހުރި ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މައްސަލަޔަށް ހައްލެއް ނައިސް ކިތަންމެ ވަރަކަށް ގާނޫނުތަކަށް އިސްލާހު ގެނައި ނަމަވެސް އަދި ބޭރުގައި ރާއްޖެ ޕްރޮމޯޓް ކުރި ނަމަވެސް އެކަމުން ކުރާނެ މާ ބޮޑު ފައިދާއެއް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެކަމާ ގުޅޭ ގޮތުން އަޅުގަނޑުމެން މިހާރު ވާހަކަ ދައްކައިފިން ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ. އެބޭފުޅުންނަށް އަޅުގަނޑުމެން ދެންނެވީ ގާނޫނުތަކަށް ވެސް ބަދަލު ގެނެސްގެން ނޫނީ އެބޭފުޅުން އަމަލު ކުރައްވާ އުސޫލަށް ބަދަލު ގެނެސްގެން ވެސް މިހަކަ ބޭންކްތަކުގައި ދަރަނިތަކާ ގުޅޭ މައްސަލަތަކުގެ ހުރިހާ މަރުހަލާއެއް ހަ މަސްތެރޭ ނިންމައި ދެއްވާށޭ. އެކަން އެގޮތަށް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތީ ލިބިފައި މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި މިހާ އަވަހަށް މިކަހަލަ މައްސަލަތަކެއް ނިމޭނެ މުއްދަތެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެއީ މި ސަރުކާރުން ވިޔަފާރިތަކަށް ފަހި ކުރަން އަޅާ މުހިންމު ފިޔަވަޅެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ މިވަގުތު ކޯޓުތަކުގައި ހުރި އެފަދަ ދަރަނީގެ މައްސަލަތައް ވެސް މިއަހަރު ނިމުމުގެ ކުރިން ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ކޯޓުތަކުގެ ފަރާތުން ލިބިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ޓްއަރިޒަމްގެ ސިނާއަތަށް އިންވެސްޓްކުރަން ރާއްޖެއިން ރަށެއް ލިބުމަކީ ރަންވަޅެއް ލިބުން ކަހަލަ ކަމެއް ކަމަށެވެ. ނަމަވެސް އެފަދަ ސިނާއަތްތަކަށް ވެސް ބޭންކުތަކުން ލޯނު ދޫކުރާ ވަރު މި ވަނީ ލިމިޓް ކުރެވިފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ބޮޑެތި ވިޔަފާރިވެރިން އިންވެސްޓް ކުރަން ބޭނުންވާ ލޯނުތަކަށް ގޮތެއް ނުނިންމި ބެންކްތަކުގައި ތާށިވެފައި ހުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަމަކު އެކި ބަހަނާތަކާ ހުރެ އެ ލޯނުތައް ދޫނުކުރެވި ހުރުމަކީ ރާއްޖެ ތަރައްގީ ކުރުމަށް އެޅޭ ހުރަހެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިއީ ކުޑަ އިގްތިސާދެއް. އެހެން ނަމަވެސް ބޮލެއްގެ ނިސްބަތަށް ޖެހޭ އާމްދަނީން މިއީ ފަގީރު ގައުމެކޭ ނުބުނެވޭނެ. އެކަމަކު އެކަމާ ހިތްހަމަ ޖެހިލައިގެން ތިބެވޭކަށް. މިއަށް ވުރެ ބޮޑަށް އިގްތިސާދު ފުޅާކުރަން އެބަ މަސައްކަތް ކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

އެކަމަށް ޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް މަޖިލީހަށް ވެސް ހުށަހަޅައިގެން ކުރިއަށް ދާ ކަމަށެވެ. އަދި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ ރައްޔިތުންގެ ހައްގުތަކެއް ނުގެއްލޭ ގޮތަށް އެ މީހުންގެ މަސްލަހަތުތައް ހިމާޔަތް ކުރެވޭގޮތަށް ހުށަހަޅާ ބިލްތަކެއް ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވި އެވެ.