ހަބަރު

ބްރޯޑްކޮމްގެ ޖޫރިމަނާގައި ގާނޫނީ މައްސަލަ އެބަހުރި: އެކްސް ޕަވާ

Jun 28, 2018

ރިސޯޓްތަކަށް ކޭބަލް ޓީވީގެ ހިދުމަތްދޭ ކުންފުންޏެއް ކަމަށްވާ، އެކްސް ޕަވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ބްރޯޑްކާސްޓިން ކޮމިޝަނުން ޖޫރިމަނާ ކުރި ކުރުމުގައި ގާނޫނީ ވަރަށް ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި އެކަން ބާތިލް ކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަަމަށް އެކުންފުނިން ބުނެފި އެވެ.

ބްރޯޑްކޮމް އިން އެކްސް ޕަވާ ޖޫރިމަނާ ކޮށްފައިވަނީ އެ ކޮމިޝަނުން ރައިޓްސް ދީފައިނުވާ ޗެނަލް ތަކެއް ފޯރުކޮށްދީފައިވާ ކަމަށްބުނެ އެއް މިލިއަން ރުފިޔާއިން ނެވެ.

އެކަމާ ގުޅިގެން އެކްސް ޕަވާއިން ނެރުނު ބަޔާނެއްގައި ވަނީ، ބްރޯޑްކޮމް އިން އެކުންފުނި ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން ނިންމެވި ނިންމުމަކީ އޭގައި ގާނޫނީ އެތައް މައްސަލައެއް ހުރި ބާތިލް ނިންމުމެއް ކަމަށެވެ. އެހެން ކަމުން އެ ނިންމުން ދިރާސާކޮށް ގާނޫނީ ހަމަތަކުގެ މަތިން ބާތިލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް އެ ކުންފުނީގެ ގާނޫނީ ވަކީލުންގެ ޓީމުން ކުރަމުންދާ ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، އަބަދުވެސް މަގުސަދަކީ އެކްސް ޕަވާއިން ފޯރުކޯށްދޭ ހިދުމަތަކީ ރާއްޖޭގައި ފޯރުކޮށްދޭ އެންމެ ފެންވަރު ރަނގަޅު ހިދުމަތަށާް ހެދުން ކަމަށެވެ. އެ މަގުސަދު ހާސިލް ކުރުމަށްޓަކައި އަބަދުވެސް މަސައްކަތް ކޮށްފައިވާނީ ބްރޯޑްކޮމްއިން ރީބްރޯޑްކާސްޓް ކުރުމާބެހޭ ގާނޫނީ އިމުގެ ތެރެއިން ކަމަށްވެސް ބަޔާނުގައި ވެއެވެ.

ބްރޯޑްކޮމް އިން އެކްސް ޕަވާ ޖޫރިމަނާ ކޮށްފައިވަނީ އެ ކުންފުންޏަށް ރައިޓްސް ދީފައިނުވާ ޗެނަލް ތަކެއް 11 ރިސޯޓް އަކަށް ދޫކޮށްފައިވާތީ އެވެ. އެ 11 ރިސޯޓަކީ ސިނަމަން ދޮންވެލި މޯލްޑިވްސްއާ ސިނަމަން ހަކުރާ ހުރާ މޯލްޑިވްސްއާ އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަންއާ އަނަންތަރަ ރިސޯޓް އެންޑް ސްޕާއާ މީރު އައިލޭންޑް ރިސޯޓް އެންޑް ސްޕާ އަދި ކްލަބްމެޑް ކަނި މޯލްޑިވްސް ހިމެނެ އެވެ. މީގެ އިތުރުން، އޮޅުވެލި ބީޗް އެންޑް ސްޕާ މޯލްޑިވްސްއާ ދަ ސަން ސިޔާމް އިރުފުއްޓާއި ސަން އެކުވާ ވިލުރީފާއި އަނަންތަރަ ވެލި މޯލްޑިވްސް އަދި ނަލަދޫ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް ހިމެނެ އެވެ.

ޖޫރިމަނާ ފައިސާއަށްވާ ޖުމްލަ 1،046،000ރ. 30 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށްވެސް ވަނީ އެކްސް ޕަވާގެ މައްޗަށް އަމުރުކޮށްފަ އެވެ.