ކުޅިވަރު

ކޮލަމްބިއާ ހުއްޓުވާނެ ގޮތް ސެނެގާލްއަށް އެނގޭ

ކޮލަމްބިއާގެ ޓީމުގެ ހަމަލާތައް ހުއްޓުވާނެ ގޮތް ސެނެގާލްގެ ކުޅުންތެރިންނަށް އެނގޭ ކަމަށް އެ ޓީމުގެ ކޯޗް އުލިއު ސީސޭ ބުނެފި އެވެ.

ސެނެގާލް އާއި ކޮލަމްބިއާ މިރޭ ނިކުންނައިރު، ބޮޑު އިތުބާރެއް އޮތީ ސެނެގާލް އަށެވެ. އެއީ ކޮލަމްބިއާއަށްވުރެ އިތުރަށް އެއް ޕޮއިންޓް ކުރީގައި އޮތުމުންނެވެ.

މެޗު އެއްވަރު ކޮށްލައިގެން ވެސް ސެނެގާލަށް ދެ ވަނަ ބުރަށް ދެވޭނެ އެވެ. ސީސޭ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވެސް އެއީ އެވެ. ކޮލަމްބިއާއަށް ވުރެ ސެނެގާލްއަށް އޮތް ފުރުސަތު ބޮޑު ވުމެވެ.

"ކޮލްމަބިއާ ދެ ވަނަ ބުރަށް ދާން ބޭނުންނަމަ އެ ޓީމުން ޖެހޭނީ އަހަރެމެން ބަލި ކުރަން. އެ ޓީމު ބަލި ކުރުމުގެ ގާބިލު ކަން އަހަރެމެންގެ ވެސް އެބަހުރި،" ސީސޭ ބުންޏެވެ. "އަހަރެމެންގެ ވިސްނުން ބަދަލެއް ނުކުރާނަން، އަހަރެމެން ވިސްނަނީ މެޗަކަށް ފަހު މެޗަކުން، އަހަރެމެން ގަބޫލު ކުރަނީ ދެ ވަނަ ބުރަށް ދާން އޮތް ހަމައެކަނި ގޮތަކީ މެޗުން މޮޅުވުން ކަން، އެއްވަރު ކޮށްލަން އަހަރެމެން ނުވިސްނަން."

ކޮލަމްބިއާގެ ކޯޗް، ހޯސޭ ޕެކާމަން ބުނީ ޕޮލެންޑް އަތުން ލިބުނު މޮޅާއެކު ކޮލަމްބިއާގެ ޓީމަށް ބޮޑު އިތުބާރެއް ލިބިފައިވާ ކަމަށެވެ. އަދި އޭނާ ޓީމު މެޗަށް ނިކުންނަނީ ވަރަށް ވަރުގަދަ ރޫހެއް ޓީމުގައި އޮތް ވަގުތެއްގައި ކަމަށެވެ.

ސެނެގާލް އާއި ކޮލްމްބިއާ ކުޅޭ މެޗު ފަށާނީ އިރުއޮއްސި 7:00 ގަ އެވެ. ހަމަ އެގަޑީގައި ޖަޕާނާއި ޕޯލެންޑް ކުޅޭ މެޗުވެސް އޮންނާނެ އެވެ.