ދުނިޔެ

މުމްބާއީގައި މަތިންދާ ބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ

Jun 28, 2018

މުމްބާއީ (ޖޫން 28) - އިންޑިއާގެ މުމްބާއީ ސިޓީގައި ކުޑަ ޗާޓަރު މަތިންދާ ބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ އެވެ.

މި މަތިންދާ ބޯޓު ވެއްޓިފައިވަނީ މުމްބާއީގެ އިރުން އޮންނަ ޝަހަރެއްގައި ހަދަމުންދިޔަ އިމާރާތާކަށެވެ. އެ ސިޓީގެ އޮފިޝަލުންނާއި ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުން ބުނި ގޮތުގައި، މި ހާދިސާގައި ބޯޓުގައި ތިބި ހަތަރު މީހެއްގެ އިތުރުން، ބޯޓު ވެއްޓުނު ވަގުތު ބިންމަތީގައި ހުރި މީހަކު ވެސް ވަނީ މަރުވެފަ އެވެ.

މި ހާދިސާ އާއި ބެހޭ މާބޮޑު ތަފްސީލެއް އަދި ތިލަވެފައިނުވި ނަމަވެސް، ބޮޑަށް ބެލެވޭ ގޮތުގައި، ބޯޓު ވެއްޓުނީ ޕައިލަޓު ބޯޓު ޖައްސަން އުޅުމުގެ ތެރޭގަ އެވެ. ބޯޓު ވެއްޓުމާއެކު ވަގުތުން ބޯޓުގައި އަލިފާން ހިފިކަމަށް މަންޒަރު ދުށްމީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެ އެވެ.

އެ މަތިންދާ ބޯޓަކީ އުއްތަރަ ޕްރަދޭޝްގެ ސަރުކާރުން އާންމު މީހަކަށް ވިއްކާފައިވާ ބޯޓެއްކަމަށް، ފުލުހުން ބުނެފައިވެ އެވެ.