ފިނިޕޭޖް

ޗައިނާގެ ފިލްމީ ތަރިންގެ މުސާރަ ސަރުކާރުން ކޮންޓްރޯލް ކުރަނީ

ޗައިނާގެ ފިލްމު އިންޑަސްޓްރީގައި ގާނޫނާ ހިލާފަށް ޓެކްސް ނުދައްކާ މުސާރަ ދޭ ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް އެ ގައުމުގެ ސަރުކާރުން ފިލްމީ ތަރިންގެ މުސާރަ ކޮންޓްރޯލް ކުރުމަށް ނިންމައިފި އެވެ.

ޗައިނާގެ ސަރުކާރުން ބުނީ ފިލްމެއް ނުވަތަ ޓީވީ ޕްރޮގުރާމެއް އުފައްދަން ހޭދަ ކުރާ ޖުމްލަ ފައިސާގެ 40 ފަސެންޓަށްވުރެ ގިނަ ފައިސާ އެކްޓަރުންނަށް މުސާރަ ދިނުމަށް ހޭދަކޮށްގެން ނުވާނެ ކަމަށެވެ. އަދި ފިލްމުގެ ކާސްޓަށް ހޭދަ ކުރާ 40 ފަސެންޓުގެ ތެރެއިން ލީޑު އެކްޓަރުން 70 ފަސެންޓަށްވުރެ ބޮޑު މުސާރައެއް ދީގެން ނުވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ފިލްމީ ތަރިންނަށް މުސާރަ ދިނުމުގެ އުސޫލަށް ބަދަލު ގެނައިކަން ޗައިނާގެ ސަރުކާރުން ހާމަކުރީ ސަރުކާރުގެ ފަސް މުއައްސަސާއެއް ހިމެނޭ ގޮތަށް އާންމުކުރި ޖޮއިންޓް ސްޓޭޓްމަންޓެއްގަ އެވެ. އެ މުއައްސަސާތަކުގެ ތެރޭގައި ޗައިނާގެ ޕްރޮޕެގެންޑާ ޑިޕާޓްމަންޓާއި މިނިސްޓްރީ އޮފް ކަލްޗާ އެންޑް ޓޫރިޒަމް އާއި ރޭޑިއޯ ޓީވީ އެންޑް ފިލްމު ރެގިއުލޭޓާސް ހިމެނެ އެވެ.

މި ސްޓޭޓަމަންޓުގައި ސަރުކާރުން މިގޮތަށް ނިންމި ވަކި ސީދާ ސަބަބައެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މިގޮތަށް ނިންމީ ފިލްމީ ތަރިންގެ މުސާރަ ކޮންޓްރޯލެއް ނެތި މަތިވަމުންދާތީ އާއި ގާނޫނާ ހިލާފަށް ޓެކްސް ނުދައްކާ މުސާރަ ދޭ މައްސަލަތަކާއި އިތުރު ތަފާތު މައްސަލަތައް ހުރުމުން ކަމަށް ބުނެފައިވެ އެވެ.

ސަރުކާރުން ބުނީ މިފަދަ މައްސަލަތަކުގެ ސަބަބުން ޗައިނާގެ ފިލްމު އިންޑަސްޓްރީއާއި ފިލްމީ ތަރިންގެ އަގު ވެއްޓެމުން އަންނަ ކަމަށެވެ. އާ ގަވާއިދު ތަންފީޒުކޮށް އަމަލުކުރަން ފާށާނެ ވަކިގޮތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލަ އެންމެ ބޮޑަށް ފެންމަތިވީ މިދިޔަ މަހު ޗައިނާގެ މަޝްހޫރު ޓީވީ ޕްރެންޓަރެއް ކަމަށްވާ ސޫ ޔޮންގުއާން، އެ ގައުމުގެ މަޝްހޫރު އެކްޓްރެސެއް ކަމަށްވާ ފޭން ބިންގްބިންގް އާއި ބެހޭގޮތުން ސޯޝަލް މީޑިއާގައި ހާމަކުރި ވާހަކަތަކަކާއި ގުޅިގެންނެވެ. ސޫ ބުނީ ފޭން ވަނީ 1.6 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި ކަމަށެވެ.

އޭގެ ފަހުން ހަމަ މި ވާހަކައާ ގުޅުވައިގެން އޭނާ ސޯޝަލް މީޑިއާގައި ދެއްކި އެހެން ވާހަކައެއްގައި، ބައެއް ފިލްމީ ތަރިން އެއް ފަހަރާއި ދެ ކޮންޓްރެކްޓްގައި ސޮއި ކުރަމުން އަންނަ ކަމަށް ތުހުމަތުކޮށްފަ އެވެ. އެ ދެ ކޮންޓްރެކްޓުގެ ތެރެއިން ޓެކްސް އޮތޯރިޓީއަށް ރިޕޯޓް ކުރަނީ އެންމެ އަގު ދަށް ކޮންޓްރެކްޓް ކަމަށް އޭނާ ތުހުމަތުކުރި އެވެ.