ހަބަރު

ނަމީރާއިން ޖައުސާއަށް ދޭންޖެހޭ 12.7 މިލިއަން ރުފިޔާ 4.7 މިލިއަނަށް ހައި ކޯޓުން ކުޑަކޮށްފި

May 28, 2015

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ހިއްސާ ކުރިން އޮތް ނަމީރާ އިންޖިނިއަރިން ކުންފުނިން ޖައުސާއަށް 12.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގެ އެއް ބައި ބާތިލްކޮށް، އެ އަދަދު 4.7 މިލިއަނަށް ހައި ކޯޓުން މިއަދު ދަށްކޮށްފި އެވެ.

ނަމީރާ އިންޖިނިއަރިންއަކީ ކޮރަޕްޝަންގައި ކުށުގައި ޖަލު 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ ހިއްސާ ކުރިން އޮތް އަދި ކުރިން އޭނާ މެނޭޖިން ޑިރެކްޓަރުކަން އަދާ ކުރެއްވި ކުންފުންޏެވެ.

ނަމީރާގެ މައްޗަށް ޖައުސާއިން ދައުވާކުރީ ޑިފެންސް މިނިސްޓްރީގެ ނުވަ ބުރީގެ އިމާރާތް އެޅުމަށް ޖައުސާއާ ހަވާލުކޮށްފައި ވަނިކޮށް އެ އިމާރާތުގެ ކަރަންޓުގެ މަސައްކަތްތައް ބޭނުންވާ ތަކެތި ޖައުސާއަށް ސަޕްލައިކޮށް ދިނުމަށް ދެ ފަރާތުގެ ދެމެދުގައިވި އެއްބަސްވުމާ ނަމީރާއިން ޚިލާފްވި ކަމަށް ބުނެ ގެއްލުމުގެ ބަދަލާއި ލިބެންޖެހޭ ފައިސާ ހޯދުމަށެވެ. އެ މައްސަލައިގައި 2012 ގައި ސިވިލް ކޯޓުން ނިންމީ 12.7 މިލިއަން ރުފިޔާ ނަމީރާއިން ޖައުސާއަށް ދޭންޖެހޭނެ ކަމަށެވެ.

އެ މައްސަލަ ނަމީރާއިން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ވަނީ އެ ހުކުމުގެ އެއް ބައި ބާތިލްކޮށް، ނަމީރާއިން ދޭންޖެހޭ އަދަދު 4.7 މިލިއަނަށް ކުޑަކޮށްފަ އެވެ. އެ އަދަދު ހައި ކޯޓުން ދަށްކުރީ ނަމީރާއިން ކުރަންޖެހޭ މަސައްކަތް ނުކުރުމުގެ ސަބަބުން ޖައުސާއަށް ލިބުނު ގެއްލުމުގެ ގޮތުގައި ކަމަށް ބުނެ ދަށު ކޯޓުން ކަނޑައެޅި 8.3 މިލިއަން ރުފިޔާ ނަގައިދީފައިވަނީ ރަނގަޅަށް ކަމަށް ނުވާތީ އެވެ.

އެހެންވެ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަން އެންގި 8.3 މިލިއަން ރުފިޔާގެ ބައި ބާތިލްކޮށް، ހައި ކޯޓުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ އަދަދެއް ކަނޑައަޅަން ސިވިލް ކޯޓަށް އެ މައްސަލަ ތަހުވީލުކޮށްފަ އެވެ. ހައި ކޯޓުގެ ދަށު ކޯޓަށް އަންގާފައިވަނީ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ މުއްދަތެއް ކަނޑައަޅައި، އެ ފައިސާގެ ނަމީރާއިން ޖައުސާގައި ބަހައްޓާފައިވާ ފައިސާގެ ތެރެއިން އެ ބައި އުނި ކުރުމަށް ފަހު ބާކީވާ ބައި ދައްކަން އެންގުމަށެވެ.

ނާޒިމް ޖަލަށްލާން ހުކުމްކޮށްފައިވަނީ ވެސް ނަމީރާގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނަވައިގެން އެ ކުންފުނީގެ މުވައްޒަފުން ބޭނުންކޮށްގެން ވަގު އެސްޓިމޭޓްތަކެއް ހުށަހަޅައި، ސަރުކާރުގެ ޕްރޮޖެކްޓެއް ކާމިޔާބު ކުރެއްވިކަން ސާބިތުވުމުންނެވެ. އެފަދަ އިތުރު ތިން މައްސަލައެއް ވެސް ނާޒިމާ ދެކޮޅަށް ސުޕްރީމް ކޯޓުގައި އެބައޮތެވެ.