ހަބަރު

ނަޒާހާ އާއި މުއްރަތުގެ އިސްތިއުނާފް މައްސަލަ އާދިއްތަ ދުވަހު، ހުކުމް ކަމަށް ބެލެވޭ

May 28, 2015

ކުރީގެ ފިރިމީހާ މަރާލި މަރިޔަމް ނަޒާހާ އުމުރަށް ޖަލަށްލާން ކުރި ހުކުމާއި ގާނޫނީ ވަކީލް އަހުމަދު ނަޖީބް މަރާލި އަހުމަދު މުއްރަތަށް ދަށު ކޯޓުން އިއްވި މަރުގެ ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް ނިންމާލައި ވަނިކޮށް އެ ދެ މައްސަލަ އަންނަ އާދިއްތަ ދުވަހަށް ތާވަލްކޮށްފި އެވެ.

ބެލެވޭ ގޮތުގައި އެ ދެ މައްސަލަ ވެސް ބާއްވަނީ ހުކުމް ކުރުމަށެވެ.

ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ އުމުރަށް ޖަލަށްލާފައިވަނީ އޭނާގެ ކުރީގެ ފިރިމީހާ އމ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިން ހަމަލާދީ އޭނާ މަރާލިކަމުގެ ކުށް ސާބިތުވެގެންނެވެ. މީގެ ތިން އަހަރު ކުރިން 2011 ގައި ނަޒާހާގެ ފަރާތުން ހުށަހެޅި އެ މައްސަލައިގެ ހުރިހާ އަޑުއެހުންތަކެއް މިއަހަރުގެ ތެރޭގައި ހައި ކޯޓުން ވަނީ ނިންމާލައިފަ އެވެ.

ވަކީލް ނަޖީބް މަރާލިކަން ސާބިތުވެގެން މ. މަސްރޫރާ އަހުމަދު މުއްރަތު މެރުމަށް 2012 ގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ވެސް ހައި ކޯޓުން މިއަހަރުގެ ތެރޭގައި ނިންމާލާފައިވެ އެވެ.

އަޑުއެހުންތައް ނިންމާލުމަށް ފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ކޮންމެ މައްސަލައެއްގައި ވެސް ދެން އޮންނާނީ ހުކުމް ކުރުމެވެ. އެ ދެ މައްސަލަ ވެސް ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ނަޒާހާގެ ފަރާތުން ބުނަމުންދަނީ ޝާހިދަށް ހަމަލާދިނީ މަރާލުމުގެ ގަސްދުގައި ނޫން ކަމަށާއި އެއީ ނަފްސުގެ ދިފާއުގައި ކުރި ކަމެއް ކަމަށެވެ. އެއަށް ރައްދުދީ ދައުލަތުން ބުނަމުންދަނީ ނަފްސުގެ ދިފާއުގައި ވެސް މީހަކު މަރާނުލެވޭނެ ކަމަށް ގާނޫނުލް އުގޫބާތުގައި އޮތުމުން ނަޒާހާ ކުށުން ބަރީއަ ނުވެވޭނެ ކަމަށެވެ.

މުއްރަތުގެ ފަރާތުން ހައި ކޯޓުގައި ބުނަމުންދަނީ އޭނާ ދަށު ކޯޓުގައި ކުށަށް އިއުތިރާފްވީ ފުލުހުން ބިރު ދެއްކުމުން ކަމަށާއި ނަޖީބް މަރާލީ އޭނާ ނޫން ކަމަށެވެ.