ދުނިޔެ

މުސްލިމް ސައިންޓިސްޓް ސެޒްގިން އަވަހާރަވެއްޖެ

މަޝްހޫރު މުސްލިމް ސައިންޓިސްޓް ޕްރޮފެސާ ޑރ. ފުއާދު ސެޒްގިން މިއަދު އަވާހަރަ ވެއްޖެ އެވެ. ތުރުކީއަށް ނިސްބަތްވާ ސެޒްގިން އަވާހަރަވީ އުމުރުފުޅުން 95 އަހަރުގަ އެވެ.

ފްއާދު ސެޒްގިން އަކީ، ހިސްޓޯރިއަންއެކެވެ. އަދި ފަލްސަފާވެރިއެއް ވެސް މެއެވެ. އޭނާގެ އެންމެ ހާއްސަ ދާއިރާއަކީ ސައިންސްގެ ރޮނގުގައި މުސްލިމު ސައިންސްވެރިން ދިރާސާތައް ޒަމާނީ ކޮންޓެކްސްޓްގެ އަލީގައި ގެނެސްދެއްވުމެވެ.

އެ ރޮނގުން އޭނާ ކުރެއްވި އެންމެ މަގުބޫލު ދިރާސާއަކީ، މުސްލިމް ސައިންސްގެ ތާރީހާއި ސައިންސް ހޯދުންތައް މުސްލިމުންނަށް ހޯދަން ފެށުނު ގޮތުގެ މައްޗަށް އޭނާ ކުރެއްވި ދިރާސާ އެވެ. އެ ދިރާސާގެ ދަށުން މުސްލިމުން ސައިންސްވެރިން ހޯދާފައިވާ، ނަމަވެސް މިޒަމާނުގައި ފެންނާން ނެތް ހޯދުންތައް އޭނާ ތަހްލީލް ކުރެއްވި އެވެ.

ސެޒްގިން އުފަންވެ ވަޑައިގަތީ 1924 ވަނަ އަހަރު، ތުރުކީގެ އިރުމަތީ ޕްރޮވިންސެއް ކަމަށްވާ ބެޓްލިސް އަށެވެ. އޭނާގެ ޔުނިވަސިޓީ ތައުލީމު ފެއްޓެވީ އިސްތަންބޫލް ޔުނިވަސިޓީގަ އެވެ. ތުރުކީއަށް 1960 ވަނަ އަހަރު ގެނެވުނު އަސްކަރީ ބަޣާވާތާ ގުޅިގެން ދާހިލީ ހަމަނުޖެހުންތައް ބޮޑުވުމުން އޭނާ ވަނީ ކިޔަވާ ވިޅުލުވުމަށް ޖަރުމަންގެ ފްރެކްފާޓް ޔުނިވަސިޓީއަށް ވަޑައިގެންފަ އެވެ.

އޭނާ ވަނީ 2010 ވަނަ އަހަރު، "ރިސާޗް ފައުްނޑޭޝަން ފޯ ދަ ހިސްޓްރީ އޮފް ސައިންސް އިން އިސްލާމް" ނަމުގައި ރިސާޗް ފައުންޑޭޝަނެއް އުފައްދަވާފަ އެވެ. އަދި 2016 ވަނަ އަހަރު އިސްތަންބޫލްގެ ވާކިފް ޔުނިވަސިޓީގައި ސްލްތާން ފާތިހް އިންސްޓްޓިޔުޓްގެ ނަމުގައި މުސްލިމުންގެ ސައިންސްގެ ހޯދުންތަަކަށް ހާއްސަކޮށް އިންސްޓްޓިޔުޓެއް ހުޅުއްވެވި އެވެ.