ހަބަރު

ތުއްތު ކުއްޖަކު މަރާލުމުގެ ތުހުމަތު ކުރެވުނު މީހަކަށް މިހާރު މަކަރާއި ހީލަތުގެ ގިނަ ތުހުމަތުތަކެއް!

May 28, 2015

މީގެ ހަ އަހަރު ކުރިން އަށް މަހު ތުއްތު ކުއްޖަކަށް އަނިޔާކޮށް، އެ ކުއްޖާ މަރާލިކަމުގެ ތުހުމަތު ކުރެވުނު މީހަކު މަކަރާއި ހީލަތް ހަދައިގެން މީހުންގެ އަތުން ފައިސާ ހޯދާފައިވާތީ އޭނާގެ ފަރާތުން އެފަދަ ގެއްލުމެއް ލިބިފައިވާ ނަމަ އެކަން އެންގުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިއަދު ފޮޓޯއާ އެކު އާންމުކޮށްފައިވާ ދަފްތަރު ނަމްބަރު 2218 މުހައްމަދު ވަހީދަކީ މީގެ ހަ އަހަރު ކުރިން 2009 ގައި އަށް މަހުގެ މުހައްމަދު ނާފިއުއަށް އަނިޔާކޮށް އޭނާ މަރާލިކަމުގެ ތުހުމަތު ކުރެވުނު މީހެކެވެ. އެ މައްސަލައިގައި ވަހީދުގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ކޯޓުން 2011 ނިންމީ އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ.

ފުލުހުން ބުނީ ހުޅުމާލެއިން ގޯއްޗާއި ކާރު ވިއްކާނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ވަހީދު ފައިސާ ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެފަދަ އިތުރު ދެ މައްސަލައެއް އޭނާއާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ހިނގަމުންދާ ކަމަށެވެ. އަދި އެހެން ކަންކަމުގައި ވެސް އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމަށް ބެލެވޭތީ ވަހީދުގެ އެފަދަ އަމަލެއްގެ ޝިކާރައަކަށް ވެފައިވާ މީހަކު ނަމަ އެކަމެއް އަވަހަށް ފުލުހުންނަށް އަންގަން އެދޭ ކަމަށް ފުލުހުން ނެރުނު ބަޔާނެއްގައިވެ އެވެ.

ނާފިއުއަށް އަނިޔާ ކުރުމުގެ ސަބަބުން އޭނާ މަރުވިއިރު ވަހީދަކީ ނާފިއުގެ މަންމަ ސ. ހިތަދޫ ސިލްވަލީފް ނޫރުޒާދާ އަލީގެ އޭރުގެ ލޯބިވެރިޔާ އެވެ. ފުލުހުން އޭރު ބުނެފައިވާ ގޮތުގައި ނާފިއު މަރުވީ އޭނާ ރޯން ފެށުމުން ވަހީދު އޭނާ މައްޗަށް ނެގުމަށް ފަހު ވަރަށް ބާރަށް ތަޅުވާލުމުން ހިތް ހުއްޓިގެން ކަމަށެވެ. ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ނާފިއުގެ މަރުގެ އަސްލަކީ ވެސް އެއީ އެވެ.