ހަބަރު

ކެމްޕެއިން ހަރަކާތްތަކަށް ޕީޕީއެމްގެ ޓީމްތައް އަތޮޅުތަކަށް

Jul 1, 2018
3

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް އަންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށްޓަކައި ޕީޕީއެމްގެ ޓީމްތައް މިއަދާއި މި ހަފްތާ ތެރޭގައި ފުރާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބުދުއްރަހީމް އަބުދުﷲ، އަދުރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، ޕީޕީއެމްގެ އޮފީހުންނާއި ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރިއާއެކު ފަށާފައި ކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް ތާއީދު އިތުރުކޮށް ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ދެ އޮފީހުން ގުޅިގެން ކުރަމުންދާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، މިދިޔަ ހަފްތާގައި ވަނީ މާލޭގައި ވަރަށް ގަދަޔަށް ޑޯޓުޑޯ ޖައްސާފައި ކަމަށާއި އަތޮޅު ތެރޭގައިވެސް ވަރަށް ބާރަށް ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ކެމްޕެއިން ޓީމްތައް ބޮޑެތި އާބާދީ ތަކުގެ ރަށްތަކުގައި ހަރަކާތްތެރިވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"އައްޑޫ ސިޓީގައި މިހާރުން ފެށިގެން އިންތިހާބު ނިމެންދެން ހަރަކާތްތެރިވަމުންދާ ގޮތަށް ވަނީ ރާވާފަ، އެގޮތުން ކެމްޕެއިން އޮފީހުގެ ޓީމް މިހާރުވެސް ހަރަކާތްތެރިވަމުން އެބަދޭ، ޕާޓީ އޮފީހުގެ ޓީމެއްވެސް މިއަދު އެބަ ފުރާ، 25 މީހުންގެ ޓީމެއް އެދަނީ، 20 މީހުންގެ ޓީމެއް ތިނަދޫއަށް ވަނީ މިހާރު ފުރާފަ، މިދިޔަ ވީކެންޑްގަވެސް ނައިބް ރައީސް އަބުދުﷲ ޖިހާދު ވަނީ ރައީސް ޔާމީނަށް ކެމްޕެއިން ކުރުމުގެ ގޮތުން ތިނަދޫގައި މަސައްކަތްތަކެއް ކުރައްވާފަ، މި ހަފްތާ ތެރޭގައި ހއ. ދިއްދޫއާ، ހއ. އިހަވަންދޫއާ، ހދ. ކުޅުދުއްފުއްޓާއި ލ. ގަމަށް، ގއ، ވިލިނގިއްޔަށާއި ޏ. ފުވައްމުލަކަށް، ޓީމްތައްދާނެ، އިންތިހާބު ނިމެންދެން އެ ޓީމްތައް އެރަށްރަކުގައި މަޑުކުރާނެ،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، އުންމީދަކީ ބޮޑު އަގުލަބިއްޔަތަކުން ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބުކޮށްދިނުން ކަމަށާއި އެއީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ. އަދި ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ ތަރައްގީއާއެކު ކުރިއަށްދާން ކަމަށާއި ރައްޔިތުންގެ ދެވަނަ ވިސްނުމެއްނެތް ކަމަށެވެ.

"ރައްޔިތުން ބޭނުމެއްނުވޭ އާ ބޭފުޅަކު ވެރިކަމަށް ގެނެސް ތަޖުރިބާ ކުރާކަށެއް، ރައްޔިތުން ތަޖުރިބާ ކޮށްފި ވަރަށް ރަނގަޅު ހަތަރު ފަސް އަހަރެއް، މި ފަސް އަހަރުގެ ތަޖުރިބާއާއެކީގައި ރައްޔިތުުން ތިބީ ރައީސް ޔާމީނުގެ ޒައާމަތު މިގައުމުގައި އިތުރަށް ކުރިއަށް ގެންދަން،" އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ، ޒުވާނުންގެ ކެމްޕެއިން ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށާއި ޕީޕީއެމްގެ ޕީޖީ މެންބަރުންނާއި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ގުޅިގެން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ވަރަށް ވަރުގަދަ ކެމްޕެއިނެއް މިހާރު މާލޭގައި ކުރިއަށް ގެންދާ ކަމަށެވެ. ހަމަ އެކަނި މާލެ އިންވެސް 800 އަށްވުރެ ގިނަ ޒުވާނުން މި ޓީމްގައި ހަރަކާތްތެރިވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ، ކެމްޕެއިންގައި މީޑިއާގެ މުހިންމު ދައުރުތަކެއް އެކަށަ އަޅަން ފަށާފައިވާ ކަމަށާއި އެގޮތުން ރާއްޖޭގެ ގާނޫނީ ގޮތުން އުފެދިފައިވާ ހުރިހާ މީޑިއާތަކަށް ދައުވަތު ދިނުމަކީ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ނިންމެވި ކަންތައް ކަމަށެވެ. އަދި ވިދާޅުވީ، މީޑިއާތަކާއި ކޯޑިނޭޓްކޮށް މައުލޫމާތު ދިނުމަށް ހާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށާއި އެޓީމްތަކުން ބޭނުންވާ މައުލޫމާތުތައް ފޯރުކޮށް ދެވިގެންދާނެ ކަމަށެވެ.

"ބޭނުމަކީ އެއްވެސް މީީޑިއާއެއް ބާކީ ނުކޮށް ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަން، އެހެން ވެގެން އެންމެ ފުރަތަމަވެސް މީޓިންގައި ނިންމީ ހުރިހާ މީޑިއާތަކަށް ދައުވަތު ދިނުމަށް،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، މެޑަމް ކެމްޕެއިން އޮފީހުން ހިންގި ޑޯޓުޑޯ ދިޔައީ ވަރަށްވެސް ފުރިހަމަކޮށް ކަމަށާއި އެކަން ދިޔައީ ވަރަށް ކާމިޔާބުކޮށް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރަށްވެސް ޑޯޓްޑޯ އޮންނާނެ ކަމަށް ނިހާން ވިދާޅުވި އެވެ.