ދުނިޔެ

ފްރާންސްގެ ގޭންގް ލީޑަރަކު ހެލިކޮޕްޓަރެއްގައި ޖަލުން ފިލައިފި

ޕެރިސް (ޖުލައި 1) - ފްރާންސްގެ ވެރިރަށް ޕެރިސްގެ ސަރަހައްދެއްގައި ހުރި ޖަލަކުން، ހެލިކޮޕްޓަރެއްގައި ބޮޑު ގޭންގް ލީޑަރަކު ފިލައިފި އެވެ.

ނުރައްކާތެރި ކުށްވެރިއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރީޑުއާން ފާއިދު ހެލިކޮޕްޓަރެއްގައި ފިލާފައިވަނީ، ބަޑި ހިފައިގެން ތިބި ބަޔަކު ޖަލުގެ ދޮރާށި ކައިރިން ހަމަލާދިން ވަގުތު އެވެ. ބޮޑު ވައްކަމެއްގެ ތެރެއިން ހައްޔަރު ކޮށްފައިވާ ފާއިދު، 46 ދަނީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ފާއިދު ހައްޔަރު ކުރި ވައްކަމުގެ ތެރެއިން ފުލުހެއް މަރުވެފައިވާ ކަމަށް ވެސްވެ އެވެ.

މިއީ ފާއިދު ޖަލުން ފިލި ދެވަނަ ފަހަރެވެ. މީގެ ކުރިން 2013 ވަނަ އަހަރު ފާއިދު ފިލާފައިވަނީ ހަތަރު ގާޑުން ރަހީނު ކުރުމަށްފަހު، ޑައިނަމައިޓް ބޭނު ކޮށްގެން ޖަލުގެ ދޮރުތައް ގޮއްވާލުމަށްފަހު އެވެ. ނަމަވެސް އޭގެ ހަ ހަފްތާ ފަހުން އޭނާ ވަނީ އަލުން ހައްޔަރުކޮށް އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.

އޭނާ ފިލަން ބޭނުންކުރި ހެލިކޮޕްޓަރު، ޖަލު ކައިރީގައި ހުރި ހުސް ބިމަކުން ފުލުހުން ވަނީ ހޯދާފަ އެވެ. ހެލިކޮޕްޓަރުން ފައިބައިގެން ކަޅު ކުލައިގެ ކާރެއްގައި ފާއިދު ދިޔަކަމަށް މަންޒަރުދުށް މީހުންނާއި ހަވާލާދީ ފުލުހުން ވަނީ ބުނެފަ އެވެ.

ފާއިދު ފިލާފައިވަނީ ޕެރިސްގެ އުތުރުން އޮންނަ ޖަލަށް ބަދަލު ކުރިތާ ބައިގަޑިއިރު ތެރޭގަ އެވެ. ބަޑި ހިފައިގެން ތިބި ބައެއްގެ އެހީގައި، ފާއިދު ފިލީ، ހެލިކޮޕްޓަރު ޖަލުގެ ގޯތި ތެރެއަށް ޖެއްސުމުންނެވެ. ފާއިދު ހޯދުމުގެ މަސައްކަތް ފްރާންސް ފުލުހުން ދަނީ ކުރަމުންނެވެ.

ފާއިދު އަކީ އެތަކެއް ބޮޑެތި ވައްކަންތަކުގެ ތުހުމަތު ކުރެވޭ މީހެކެވެ.