ހަބަރު

މަޝްވަރާގައި ނަޝީދު ބައިވެރިވާން އެއްވެސް ހުރަހެއް ނެތް: އެމްޑީޕީ

May 28, 2015

އިދިކޮޅު ފަރާތްތަކާ އެކު ސަރުކާރުން ބާއްވާ މަޝްވަރާތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާތީ ސަރުކާރާ އެކު ބާއްވާ މަޝްވަރާގައި ނަޝީދަށް ބައިވެރިނުވެވޭނެ ސަރުކާރުން ބުނެފައި ވަނިކޮށް އެމްޑީޕީން މިއަދު ރައީސް އަބްދުﷲ ޔާމީނަށް ފޮނުވި ސިޓީގައިވަނީ ނަޝީދަށް އެ މަޝްވަރާތަކުގައި ބައިވެރިނުވެވޭނެ ކަމަށް ސަރުކާރުން ދެކޭ ކަމަށް އެ ޕާޓީން ގަބޫލު ނުކުރާ ކަމަށެވެ. އެއީ އެމަނިކުފާނަށް އިއްވާފައިވަނީ މީހުންނާ ބައްދަލު ނުވެވޭ ގޮތަށް އެކަހެރި ގޮތަކަށް ބެހެއްޓުމުގެ ހުކުމަކަށް ނުވާތީ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ހުކުމް ތަންފީޒު ކުރަމުން ގެންދަވާއިރު ވެސް އދ. އާއި ކޮމަންވެލްތުގެ ފަރާތްތަކާ ބައްދަލު ކުރުމުގެ ފުރުސަތު ސަރުކާރުން ދީފައިވާތީ އެ މަޝްވަރާތަކުގައި ނަޝީދު ބައިވެރިކުރަން އެއްވެސް ހުރަހެއް ނެތްކަން ސަރުކާރުން ސާބިތުކޮށްދިން ކަމެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

ސަރުކާރުން ބުނަމުންދަނީ އެ މަޝްވަރާތަކުގައި ނަޝީދަށް ބައިވެރިނުވެވޭނެ ކަމަށާއި ނަމަވެސް އެމްޑީޕީން ބުނަމުންދަނީ އެ ޕާޓީގެ ފަރާތުން އެ މަޝްވަރާގައި ބައިވެރިކުރަން ބޭނުންވަނީ ނަޝީދު ކަމަށެވެ.