ހަބަރު

ޕެޑުން ޖީއެސްޓީ ނުނަގަން އެމްޑީޕީ މެނިފެސްޓޯގައި ހިމަނައިފި

Jul 2, 2018
8

އެމްޑީޕީގެ ސަރުކާރެއްގައި ޒަރޫރީ ތަކެތިން ޖީއެސްޓީ ނެގުން ހުއްޓާލާނެ ކަމަށާއި އޭގެ ތެރޭގައި އަންހެނު ޖަހާ ޕެޑުން ޖީއެސްޓީ ނުނަގަން އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯ، "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައި ހިމަނައިފި އެވެ.

އެމްޑީޕީއިން އއ. އުކުޅަސްގައި ބޭއްވި އެޕާޓީގެ ހާއްސަ ކޮންގްރެސްގައި އާންމުކޮށްފައިވާ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގައިވާ ގޮތުން، "ނޫ އިގްތިސޯދު"ގެ ނަމުގައި އިގްތިސޯދަށް އެ ޕާޓީން ގެންނާނެ ބަދަލުތައް ވަނީ ހިމަނާފަ އެވެ. އެގޮތުން ޓެކްސް އާއި ޖީއެސްޓީގެ ނިޒާމް ހަރުދަނާ ކުރާނެ ކަމަށް ވަނީ ވައުދުވެފަ އެވެ.

މެނިފެސްޓޯގައިވާ ގޮތުން އެމްޑީޕީގެ ސަރުކާރެއްގައި އަންހެނުންނަށް ކޮންމެހެން ވެސް ބޭނުންވާ ޕެޑް އަދި ޓެމްޕެކްސް ފަދަ ތަކެތިން ޓެކްސް ނެގުން ހުއްޓާލާނެ އެވެ. އޭގެ އިތުރުން ފޯނުގެ ހިދުމަތްތަކުންނާއި ފެރީގެ ހިދުމަތުން ޖީއެސްޓީ ނެގުން ހުއްޓާލާނެ އެވެ. އަންހެނުން ބޭނުން ކުރާ ޕެޑުން ޖީއެސްޓީ ނަގާތީ އެކަމާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގެ ކެމްޕޭނެއް ވެސް މިފަހުން ކުރިއަށް ގެންދިޔަ އެވެ.

މީގެއިތުރުން ޖީއެސްޓީއަކީ ފައިސާ ލިބުނީމަ ދައްކާ، ކޭސް ބޭސިސް ޓެކްސްއެއްގެ ގޮތުގައި ހަދާނެ އެވެ. އަދި ކުރިއަށް ދައްކާ އަންދާޒާ ޓީޕީޓީއަކީ އެ ވިޔަފާރީއަކުން އެ އަހަރަކަށް އަންދާޒާކޮށްގެން ދައްކާ އެއްޗަކަށް ހެދޭނެ ކަމަށް މެނިފެސްޓޯގައިވެ އެވެ. އިމްޕޯޓް ޑިއުޓީ ކުޑަކުރަން ވެސް ވަނީ ހިމަނައިފަ އެވެ.