ދުނިޔެ

މެކްސިކޯގެ ރައީސްކަމަށް ލޯޕޭޒް އޯބްރަޑޯ

މެކްސިކޯގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބު ކުރީގެ މޭޔަރު އޮންޑްރޭސް މެނުއެލް ލޯޕޭޒް އޯބްރަޑޯ ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވައިފި އެވެ.

ބޮޑެތި ހަމަނުޖެހުންތަކެއްގެ ތެރެއިން ކުރިއަށްދިޔަ ތާރީހީ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، ރިޔާސީ އިންތިހާބުގައި ތިން ވަނަ ފަހަރަށް ވާދަ ކުރައްވާ އޯބްރަޑޯ އަށް 53 ޕަސަންޓް ވޯޓު ވަނީ ލިބިފަ އެވެ. އޭނާ އާއި އެންމެ ގާތުން ވާދަ ކުރެއްވި ދެ ކެންޑިޑޭޓުން މިހާރު ވަނީ ރަސްމީކޮށް ބަލި ގަބޫލުކުރައްވާފަ އެވެ.

މިހާރު ވެރިކަންކުރާ އިންސްޓިޓިއުޝަނަލް ރިވަލިއުޝަނަރީ ޕާޓީ (ޕީއާރުއައި) އަށް މެކްސިކޯގައި މިހާތަނަށް ބޮޑު ތާއީދެއް އޮތްނަމަވެސް، އެ ޕާޓީގެ ކެންޑިޑޭޓު ހޯޒޭ އެންޓޯނިއޯ މިއާދޭ އަށް ލިބިވަޑައިގަތީ ތިން ވަނަ އެވެ. މިހާރުގެ ރައީސް އެންރީކޭ ޕެންޏާ ނިއޭޓޯގެ ސަރުކާރުގައި ކޮރަޕްޝަން އިންތިހާއަށް ބޮޑުވެ، އިގްތިސޯދު ހީނަރުވަމުން ދިޔުމާއި ގުޅިގެން ވެރިކަން ކުރާ ޕާޓީގެ ތާއީދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. މެކްސިކޯގެ ރައީސަކަށް ކަނޑައެޅިފައިވަނީ ހަ އަހަރުގެ އެންމެ ދައުރެއް ކަމުން، ޕީއާރުއައިގެ ކެންޑިޓޭޓުކަން ލިބިވަޑައިގަތީ ކުރީގެ ޓްރޭޑް މިނިސްޓަރު މިއާދޭ އަށެވެ.

ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ރިކާޑޯ އަނާޔާ ވަނީ އޯބްރަޑޯ އަށް ހޫނު މަރުހަބާއެއް ވިދާޅުވެފަ އެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު އޯބްރަޑޯ ވަނީ ކޮރަޕްޝަން ނައްތާލުމާއި، މުސާރަ އާއި ޕެންޝަން ބޮޑު ކުރުމަށް އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މީގެ ކުރިން އަވަށްޓެރި އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ނަމަވެސް، އޯބްރަޑޯ ވަނީ އެމެރިކާ އާއި އޮންނަ ގުޅުން ރަހުމަތްތެރި، ގާތް ގުޅުމަކަށް ހައްދަވާނެކަމަށް ވެސް ވައުދުވެ ވަޑައިގެންފަ އެވެ.

އެމެރިކާގެ ރައީސްކަމަށް ޑްނަލްޑް ޓްރަމްޕް ވަޑައިގެންނެވި ފަހުން، މައިގްރޭޝަނާއި ވިޔަފާރީގެ މައްސަލާގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑުތަން ހީނަރުވެފަ އެވެ.

މި އިންތިހާބާއި ދިމާކޮށް ހިނގި ހަމަނުޖެހުންތަކުގައި 130 އަށް ވުރެ ގިނަ ސިޔާސީ ކެންޑިޑޭޓުންނާއި ޕާޓީތަކުގެ މުވައްޒަފުން ވަނީ މަރާލާފަ އެވެ. ރައީސެއްގެ އިތުރުން، 128 ސެނެޓަރުންނާއި، 500 މީހުން ކޮންގްރެސް އަށް އިންތިހާބު ކުރުމަށް މެކްސިކޯގައި ވަނީ ވޯޓުލާފަ އެވެ. ވޯޓުލުމުގެ ހައްގު 88 މިލިއަން މީހުންނަށް ލިބިފައިވާއިރު، ވޯޓުލާން ނުކުތީ 60 ޕަސަންޓުގައި ކަމަށް އިލެކްޝަން އޮފިޝަލުން ވަނީ އަންދާޒާކޮށްފަ އެވެ.