ކުޅިވަރު

މިއީ ހިތުގެ އަޑިން ބުނާ ވާހަކައެއް، ވެލެންސިއާއަށް ޖާގަދީ

އިއްޔެ ޔުނައިޓަޑް ވިކްޓަރީ އަތުން އެގްރިގޭޓް ބަލިވެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި، ކުލަބު ވެލެންސިއާއަށް އަންނަ އަހަރުވެސް ފުރަތަމަ ޑިވިޝަނުން ފުރުސަތު ލިބޭނެ ގޮތަށް، ބަދަލު ގެނެވެން އެބައޮތް ކަމަށާއި އެގޮތަށް ބަދަލު ގެނައުމަށް އެފްއޭއެމްއަށް ގޮވާލާކަމަށް ޔުނައިޓަޑް ވިކްޓަރީގެ ކޯޗް މުހައްމަދު ނަޒީހް ބުނެފި އެވެ.

ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ވެއްޓުނީ، ކޮލިފައިން ގައި ޔުނައިޓަޑް ވިކްޓަރީ އަތުން 4-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިވުމުންނެވެ.

"އަޅުގަނޑުމެންގެ ފުޓްބޯޅައިގެ ރައީސް ބައްސާމް [އަދީލް ޖަލީލް] އަށް ދަންނަވަން. އަޅުގަނޑު އެދުމަކީ ވެލެންސިއާ އަންނަ އަހަރުވެސް ފުރަތަމަ ޑިވިޝަންގައި ކުޅުން، މި 10 ޓީމަށް ހަދައިގެން ނަަމަވެސް އަޅުގަނޑު ބޭނުން ވަނީ ވެލެންސިއާ [ދެމި އޮތުން]،" ނަޒީހް ބުންޏެވެ.

"ބައްސާމް އަރިހުން އަޅުގަނޑު އެދެނީ މި 10 ޓީމަށް ހަދަން، އޭއެއެފްސީގެ އިތުރު ޖާގަތަކެއް ވެސް ޕްލޭއޮފްގެ ތެރެއިން ނަަމަވެސް އެބަ ލިބޭ، އަޅުގަނޑު ނުދެކެން ވެލެންސިއާއަކީ ވެއްޓެން ޖެހޭ ޓީމެއް ކަމަކަށް، މި ފޯމެޓްގައި އެބަހުރި ބައިވަރު މައްސަލަ، މައްސަލަ ހުރި އެއްޗެއް ރަނގަޅު ކޮށްލާއިރު ވެލެންސިއާ އެތެރެ ވުމަކީ މައްސަލައެއް ނޫން."

އޭނާ ބުނީ ވެލެންސިއާ ކަހަލަ ބޮޑު ކުލަބެއް ވެއްޓުމަކީ ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑު މިހުރީ އެކަން ތަޖުރިބާ ކޮށްފަ، ކުލަބު ލެގޫންސްއަކީ އަޅުގަނޑު ކުޅުނު ފުރަތަމަ ކުލަބު، ދެ ވަނަ ޑިވިޝަނަށް ވެއްޓުނީ އެ ނެތި ދިޔައީ، [ވެލެންސިއާ] އަކީ ބޮޑު ނަމަނެއް އެހެންވީމަ އެބަޖެހޭ [އެ ޓީމު] އޮންނަން."

ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ވެއްޓުމަށް ފަހު، ފޯމެޓަށް ގެންނަ ބަދަލަކުން އެ ކުލަބު ފުރަތަމަ ޑިވިޝަނަށް އައުމަކީ އެހެން ކުލަބުތަކަށް ވެވޭ ބޭއިންސާފަކަށް ނުވެދާނެތޯ ސުވާލު ކުރުމުން ނަޒީހް ބުނީ، ހަމައާ އުސޫލުގެ ތެރެއިން އެކަން ކުރެވޭނެ ގޮތް އެބައޮތް ކަމަށެވެ.

"ޓީމުތައް ގިނަ ކޮށްފިއްޔާ އިތުރަށް އޭއެފްސީ ކަޕަށް ޕްލޭއޮފްގެ ތެރެއިން ވެސް ފުރުސަތު ލިބޭނެ ގޮތްތައް ވެސް އެބަހުރި،" ނަޒީހް ބުންޏެވެ. "މި ފޯމެޓްގައި ވެސް މައްސަލަ އެބަހުރި، އެހެންވީމަ މީތި ރަނގަޅު ކޮށްލާއިރު ދެ ވަނަ ޑިވިޝަންގެ ރަނަރަފު ޓީމުވެސް މީގެ ތެރެއަށް ލެވިދާނެ، އެބަހުއްޓޭ ފުރުސަތު ހަމަޔާ އުސޫލުގެ ތެރެއިން މިކަން ކުރެވޭނެ ގޮތް."

"އަޅުގަނޑުވެސް ނުބުނަން ބޭއިންސާފުގެ ތެރެއިން އެކަން ކުރާށެކޭ، ހަމަޔާ އުސޫލުގެ ތެރެއިން އެކަން ކޮށްދެވޭ ކަމަށް ވަންޏާމު އަޅުގަނޑު އެދުމަކީ އެކަން ކޮށްދިނުމޭ."

ނަޒީހް ބުނީ، ޔުނައިޓަޑް ވިކްޓަރީން އޭނާ ބޭނުން ނެތިގެން ދޫކޮށްލަން ދެން އެކުލަބުގައި ހުންނާނެ ކަމަށެވެ. އެ ކުލަބު ދޫކޮށްފައި ދާނެ އެހެން ކުލަބެއް ނެތް ކަމަށެވެ.