ދުނިޔެ

އައިއެސް އިން ޕަލްމައިރާގެ ގަދީމީ ބިނާތައް މީހުން މަރާ ތަންތަނަށް ބަދަލުކުރަނީ

May 29, 2015

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ހިފާފައިވާ ސީރިއާގެ ގަދީމީ އަވަށެއް ކަމަށްވާ ޕަލްމައިރާގައި ހުންނަ ރޯމަނުންގެ ޒަމާނުގެ ތިއޭޓަރެއްގެ ތެރޭގައި އައިއެސް އިން ގިނަ އަދަދެއްގެ ބަޔަކު މަރާލައިފި އެވެ.

ސީރިއާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރިންނާ ގުޅުން އޮންނަ އެކްޓިވިސްޓުންގެ ޖަމާއަތް، ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން މިއަދު ބުނި ގޮތުގައި ހިމާޔަތްކޮށްފައިވާ އެ ތިއޭޓަރުގެ ތެރޭގައި މަރާލާފައި ވަނީ އައިއެސް އިން ޕަލްމައިރާ ހިފުމާ އެކު ސަރުކާރު ސިފައިންނާ އެކު ފިލަން އުޅުނު 20 މީހެކެވެ. މިދިޔަ ބުދަ ދުވަހު އެ މީހުން މަރާލާފައި ވަނީ، އެ އަވަށުގެ އެންމެން މަޖުބޫރުކޮށްގެން ކުޅިބަލަން ގެންގޮސް، އެ މީހުންގެ ކުރިމަތީގައި ކަމަށް ވެސް އޮބްޒަވޭޓަރީން ބުންޏެވެ.

ރޯމަނުންގެ ޒަމާނަށް ނިސާބަތްވާ އެ ތިއޭޓަރަަށް މިހާރު 2،000 އަށް ވުރެ ގިނަ އަހަރުވެއްޖެ އެވެ. އެ ތަނުގެ ވަށައިގެން ވެސް ހިމާޔަތްކޮށްފައިވާ ގަދީމީ ބިނާތަކާއި އެ ނޫން ވެސް އާސާރީ ތަރިކަތައް އެބަހުއްޓެވެ.

މީގެ އިތުރުން، އިނގިރޭސި ވިލާތުގައި މަސައްކަތްކުރާ އޮބްޒަވޭޓަރީން ބުނި ގޮތުގައި ޕަލްމައިރާ ހިފުމަށް ފަހު އައިއެސްގެ ހަނގުރާމަވެރިން ވަނީ ވަކިވަކިން ކޮންމެ ގެއަކަށް ވަދެ، ސަރުކާރަށް ތާއީދުކުރާ މީހުން ހޯދާފަ އެވެ. އެ އަވަށުގެ 240 އަށް ވުރެ ގިނަ މީހުން މިހާތަނަށް މަރާލާފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ސަރުކާރު ސިފައިން ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

އިސްލާމީ ހިލާފަތެއް ކަމަށް ދައުވާކުރާ ޓެރަރިސްޓް ޖަމާއަތުން މި މަހު 17 ގައި ރަމާދީ ހިފުމާ އެކު، ސަރުކާރު ސިފައިންނާއި ފުލުހުން ވަނީ ފަހަތަށް ޖެހިފަ އެވެ. ރަމާދީގެ މައި އަސްކަރީ މަރުކަޒު ހިފައި އެ ތަނުގައި ހުރި ޓޭންކުތަކާއި އެ ނޫން ވެސް ބަރު ހަތިޔާރު އައިއެސްގެ ބެލުމުގެ ދަށަށް ގެނެސްފައި ވާއިރު، ސަރުކާރުން ވަނީ އެ ސިޓީ އަލުން ހިފުމުގައި އަސްކަރިއްޔާ އަށް އެހީ ވުމަށް ހަނގުރާމަވެރި އެހެން ޖަމާއަތްތަކަށާއި އާއްމުންގެ ތެރެއިން ހިލޭސާބަހަށް ހަނގުރާމަކުރަން ބޭނުންވާ މީހުންނަށް ގޮވާލާފަ އެވެ.

މި ގޮވާލުމާ އެކު، އީރާނުން އެހީވާ ޝީއީ ހަނގުރާމަވެރިންގެ ފައުޖެއް ރަމާދީގެ އިރުމަތިން 20 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ހައްބާނިއްޔާ އަށް ވަނީ ވަގުތުން ޖަމާވެފަ އެވެ. ގާތްގަނޑަކަށް 3،000 ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިގެންވާ އެ ފައުޖު ހައްބާނިއްޔާގެ މައި އަސްކަރީ މަރުކަޒުގައި ގާއިމްވެގެން ތިބޭތާ ހަތަރު ދުވަސް ފަހުން، މިދިޔަ އާދިއްތަ ދުވަހު ވަނީ ރަމާދީ އަލުން ހިފުމުގެ މަސައްކަތް ފަށާފަަ އެވެ.

އެ މަސައްކަތް މުޅި އަންބާރު ޕްރޮވިންސަށް ފުޅާކޮށް، އަސްކަރިއްޔާއާ ގުޅިގެން ކުރިއަށް ގެންދަން މިދިޔަ އަންގާރަ ދުވަހު ވަނީ ފަށާފަަ އެވެ.

ރަމާދީ ހިމެނޭ އަންބާރު ޕްރޮވިންސް އަތުލުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައި މި ވަނީ، އައިއެސްގެ އަތް ދަށުން ރަމާދީ ވަރަށް އަވަހަށް މިނިވަންކުރެވޭނެ ކަމަށް އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވެފައި ވަނިކޮށެވެ. މިދިޔަ ހޯމަ ދުވަހު ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި އަބާދީ ވިދާޅުވެފައި ވަނީ އައިއެސްއާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގައި ބޭރު ދުނިޔޭގެ އެހީތެރިކަން މިހާރަށް ވުރެ ވެސް ބޮޑަށް ބޭނުންވާ ކަމަށެވެ.

ރަމާދީ ހިފުމާ އެކު، އަންބާރު އަވަށުގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއްގެ ފުރިހަމަ ކޮންޓްރޯލް އައިއެސް އިން ވަނީ ނަގާފަ އެވެ. އިރާގުގެ އެންމެ ބޮޑު އަވަށް ކަމަށްވާ އަންބާރު އޮންނަނީ ވެރިރަށް ބަގުދާދާ އެންމެ 110 ކިލޯމީޓަރު ދުރުގައި ކަމުން، މިއީ އެ ގައުމުގެ ސަރުކާރުން، ހާއްސަކޮށް ބޮޑުވަޒީރު ހާދީ އަލް އަބާދީއާ، ކުރިމަތިލާންޖެހޭ ބޮޑު ގޮންޖެހުމެކެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.