ދުނިޔެ

އިންޑިއާގެ މައިސޫރަށް އާ މަހާރާޖާއެއް، 23 އަހަރުގެ އިކޮނޮމިސްޓެއް

ދެކުނު އިންޑިއާގެ މައިސޫރުގެ ރަސްކަމުގެ ތަހުތަށް އާ މަހާރާޖާއެއް އިސްކޮށްފި އެވެ. ހަސަތޭކަ އަހަރުވީ ވަދިޔަރު ދަރިކޮޅުގެ ރަސްކަން މި ފަހަރު ހަވާލުކޮށްފައި ވަނީ އެމެރިކާގެ މެސަޗޫޓިސް ޔުނިވަސިޓީން އިކޮނޮމިކްސްގެ ދާއިރާ އިން ޑިގްރީ ހާސިލްކޮށްފައިވާ 23 އަހަރުގެ ޒުވާނަކާ އެވެ.

މަހާރާޖާ ކަމަށް ޔަދުވީރު ކްރިޝްނަދައްތަ ޗަމަރަޖާ ވަދިޔަރަށް ކޮލިލުމަށް އިއްޔެ ވަނީ ދެ ގަޑިއިރުގެ ބިޔަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މައިސޫރުގެ ޝާހީ ގަނޑުވަރުގައި ބޭއްވި މި ހަފުލާގައި ޔަދުވީރަށް ކޮލިލައިދީފައި ވަނީ 15 ފައްޅިއެއްގެ ސާޅީހަށް ވުރެ ގިނަ ފާދިރީން ގުޅިގެންނެވެ.

މި ރަސްމިއްޔާތުގައި އިންޑިއާ އާއި ބޭރު ދުނިޔޭގެ ހާހަކަށް ވުރެ ގިނަ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އެޗްޑީ ދެވެ ގައުދާ އާއި މައިސޫރު އޮންނަ ކަރުނާޓަކާ ސްޓޭޓުގެ ޗީފް މިނިސްޓަރު ކޭ ސިދާރަމައިއާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މަހާރާޖާ ކަމަށް ޔަދުވީރު އިސްކޮށްފައި މި ވަނީ، އެ މަގާމުގައި ކުރިން ހުންނެވި އެ މަނިކުފާނުގެ ބޮޑުބޭބޭފުޅު ސްރިކަންތަދައްތަ ނަރަސިމްހަރާޖަ ވަދިޔަރު ޑިސެމްބަރު 2013 ގައި އަވަހާރަވުމާ ގުޅިގެންނެވެ. ވަދިޔަރު ދަރިކޮޅުގެ އެހެން ވެސް މަހާރާޖާ އިންނެކޭ އެއްގޮތަށް، ސްރިކަންތަދައްތަ އަށް ބޭފުޅަކު ލިބިވަޑައިގެންފައެއް ނުވެ އެވެ. އެހާ ގިނަ ދުވަސްތަކެއް ވަންދެން ރަސްކަމުގެ ތަހުތު ހުހަށް އޮތީ ވެސް، މަހާރާޖާކަން ވާރުތަކުރާނެ ބޭފުޅަކު ސްރިކަންތަދައްތަ ކަނޑައަޅުއްވާފައި ނެތުމުންނެވެ.

މަހާރާޖާ ކަމަށް އިސްކުރުމާ އެކު 1،500 ހެކްޓަރަށް ވުރެ ބޮޑު ބިމުގެ ސަރަހައްދެއް ބަލަހައްޓަވަން ޔަދުވީރަށް ޖެހިވަޑައިގަންނަވާނެ އެވެ. އެ ބިންތައް މައިސޫރުގެ އިތުރުން ކަރުނާޓަކާ ސްޓޭޓުގެ އެހެން ސިޓީތައް ކަމަށްވާ ބެންގަލޫރާއި ހަސަން އަދި ޗަންނަޕަތު އަށް ފެތުރިފައިވެ އެވެ.

އެކަމަކު، އެ އަށް ވުރެ ބުރަ ކަމެއް އަދި އެބައޮތެވެ. އެއީ، ޝާހީ އާއިލާގެ މުދާ ނެގުމަށް ކަރުނާޓަކާ ސްޓޭޓުގެ ސަރުކާރުން ފަށާފައިވާ މަސައްކަތެވެ. އެ މައްސަލަ މިހާރު އޮތީ ކޯޓު މަރުހަލާގަ އެވެ.

އިންޑިއާ އަށް މިނިވަންކަން ލިބުމާ އެކު، މަހާރާޖާ އިންނާއި ޝާހީ އާއިލާތަކުގެ ރަސްމީ ހައިސިއްޔަތު ވަނީ ގެއްލިފަ އެވެ. އެކަމަކު، އެ ގައުމުގެ އެކި ކަންކޮޅުތަކުގައި އުޅޭ މަހާރާޖާ އިންނާއި ޝާހީ އާއިލާތަކުގެ މެމްބަރުންނަކީ އަދިވެސް ނުފޫޒު ގަދަ، މުއްސަނދި ބައެކެވެ.