ދުނިޔެ

ތަޖަކިސްތާނުގެ ސްޕެޝަލް ފޯސަސްގެ ވެރިޔާ ވެސް އައިއެސް އަށް

May 29, 2015

ތަޖަކިސްތާނު އަސްކަރިއްޔާގެ ސްޕެޝަލް ފޯސަސްގެ ވެރިޔާ، އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅިގެން ސީރިއާގައި ހަނގުރާމަކުރަން ފަށައިފި އެވެ.

މެދުތެރޭ އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ތަޖަކިސްތާނުގެ އަސްކަރިއްޔާގެ އެންމެ އިސް އެއް އޮފިސަރު، ގަލްމުރޯދު ހަލިމޯވް މި މަހު ކުރީކޮޅު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. ނުފެނިގެން ހޯދަނިކޮށް، އޭނާ ރެކޯޑު ކޮށްފައިވާ ވީޑިއޯއެއް އިއްޔެ ވަނީ އައިއެސް އިން އާއްމުކޮށްފަ އެވެ.

ދީނީ ހައްދުފަހަނައެޅުމާ ދެކޮޅަށް ތަޖަކިސްތާނުގައި އެންމެ ވަރުގަދަ އަށް މަސައްކަތްކުރި ގަލްމުރޯދު އައިއެސްއާ ގުޅިފައި ވިޔަސް، އޭނާ ވީ ތަނަކާ މެދު އެ ގައުމުގެ ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެ އެވެ. މި ވީޑިއޯއާ ބެހޭ ގޮތުން ވެސް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އިސްލާމީ ހިލާފަތެއް ކަމަށް ދައުވާކުރާ ޓެރަރިސްޓް ޖަމާއަތުން މި މަހު 17 ގައި އިރާގުގެ ރަމާދީ ހިފުމާ އެކު، ސަރުކާރު ސިފައިންނާއި ފުލުހުން ވަނީ ފަހަތަށް ޖެހިފަ އެވެ. ރަމާދީގެ މައި އަސްކަރީ މަރުކަޒު ހިފައި އެ ތަނުގައި ހުރި ޓޭންކުތަކާއި އެ ނޫން ވެސް ބަރު ހަތިޔާރު އައިއެސްގެ ބެލުމުގެ ދަށަށް ގެނެސްފައި ވާއިރު، ސަރުކާރުން ވަނީ އެ ސިޓީ އަލުން ހިފުމުގައި އަސްކަރިއްޔާ އަށް އެހީ ވުމަށް ހަނގުރާމަވެރި އެހެން ޖަމާއަތްތަކަށާއި އާއްމުންގެ ތެރެއިން ހިލޭސާބަހަށް ހަނގުރާމަކުރަން ބޭނުންވާ މީހުންނަށް ގޮވާލާފަ އެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.